ސިވެކްގެ އެހީއާއެކު ސްޓެލްކޯގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރަނީ

ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްގެ އެހީތެރިކަމާއެކު ސްޓެލްކޯގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.
މުވައްޒަފުން ތަމްރީންކުރުމުގެ ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ބައެއްފަހަރު ސްޓެލްކޯގެ މުވައްޒަފުން ނުރައްކަލުގެ ޙާލަތްތަކަށް ހުށައެޅޭކަމަށެވެ. އެހެންކަމުން ސްޓެލްކޯގެ މުވައްޒަފުންނަކީ އެފަދަ ހާލަތްތަަކަށް ތައްޔާރުވެފައި ތިބި ބަޔަކަށް ހެދުމަށް ސިވެކާއި ގުޅިގެން ބާއްވާ ތަމްރީންތަން މުހިންމުކަމަށް ފަހުމީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކުރިމަތިލާފައި. އަޅުގަނޑުމެން ބަލައިލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގައި އެމްއެންޑީއެފް ބޭކަލުން ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން." ފަހުމީ ވިދާޅުވިއެވެ.
މީގެކުރިންވެސް ސްޓެލްކޯއިން ވަނީ "ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް"ގެ ދަށުން ސިވެކްގެ އެހީއާއެކު މުވައްޒަފުން ތަމްރީންކޮށްފައެވެ. އެގޮތުން މިހާތަނަށް 668 މުވައްޒަފުން މި ތަމްރީންތައް ފުރިހަމަކޮށްފައިވެއެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ތަމްރީންކުރުމަކީ ސްޓެލްކޯގެ އަމާޒެކެވެ.
މި ތަމްރީން ޕްރޮގުރާމްގެ ދަށުން ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ، ސުވިމިންގް އެންޑް ރެސްކިއުގެ އިތުރުން ލައިފް ކޯޗިންގއާގުޅޭ ތަމްރީންތައް ކުރިއަށްދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މީގެއިތުރުން ފަޔަރ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީތެރިވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަންވެސް މި ފަހުމުނާމާގެ ދަށުން ސިވެކްއިން ފޯރުކޮށްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ