ވަޒީރާއެކު ފަރެސްމާތޮޑާގެ ކުޅިވަރު ހަރަކާތްތަކާއި ގުޅޭ މަޝްވަރާތަކެއް

ގދ. ފަރެސްމާތޮޑާގައި ކުރިއަށްދާ ކުޅިވަރު ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެކު ގދ. ފަރެސްމާތޮޑާގެ ކައުންސިލުންވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.
ގދ. ފަރެސްމާތޮޑާއަށް މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ރޭވިފައިވާ ކުޅިވަރު މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތުވެސް ވަޒީރު ރާފިޢުވަނީ އެރަށުގެ ކައުންސިލާއި މިބައްދަލުވުމުގެ ތެރެއިން ހިއްސާކުރައްވާފައެވެ.
ފަރެސްމާތޮޑާގައި މިދުވަސްވަރު ކުރިއަށްދާ އެއް މަޝްރޫއަކީ އެރަށުގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތެވެ. މިއަހަރުގެ ތެރޭގައި މި ސެންޓަރުގެ އަމަލީ މަސައްކަތް ނިންމާ ކައުންސިލާއި ހަވާލުކުރެވޭނެ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި އެރަށުގެ ކައުންސިލުންވަނީ ކުޅިވަރުގެ ދާއިރާއިން ފަރެސްމާތޮޑާއަށް ބޭނުންވާ ކަންކަމުގެ އިތުރުން ސަރުކާރުން އެރަށުގައި ޤާއިމްކުރަން ހަމަޖެހިފައިވާ ކުޅިވަރު ވަސީލަތްތަކާއި ބެހޭގޮތުން މައުލޫމާތު ހޯއްދަވާފައެވެ.
ވަޒީރު އަރިހުގައި މިބައްދަލުވުމުގައި ގދ. ފަރެސްމާތޮޑާގެ މަޖްލިސް މެމްބަރ އަޝްރަފް ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ނުނިމިހުރި މަސައްކަތްތައް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ