ޤަޟާއީ އަހަރު އިފުތިތާހުކޮށްދެއްވާ، ފަނޑިޔާރުންގެ އަގު ވަޒަންކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، "ޤަޟާޢީ އަހަރު 2025" މިރޭ އިފުތިތާހު ކޮށްދެއްވައިފިއެވެ. އެ މަނިކުފާނު "ޤަޟާޢީ އަހަރު 2025" އިފުތިތާހު ކޮށްދެއްވީ މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ޤަޟާޢީ އަހަރު އިފުތިތާހު ކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު، ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީގޮތުން ޝަރުއީ ދާއިރާ ހަރުދަނާ ކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ އިހުތިފާލެކެވެ. ޤަޟާޢީ އަހަރު އިފުތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށްދިޔައެވެ. ފަނޑިޔާރުން ތަކްރީމު ކުރުމަކީ އެ ފަނޑިޔާރުންގެ އަގު ވަޒަން ކުރުމެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަހްމަދު މުއުތަސިމް އަދުނާން ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ. ޤަޟާއީ އަހަރު އިފުތިތާހު ކުރުމުގެ ޕްރޮގްރާމްގެ ގޮތުގައި 2021ވަނަ އަހަރު ފިޔަވައި ފާއިތުވި އަށް އަހަރު ވެސް ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި ގޮތުން އިދާރީ ގޮތުން ޝަރުއީ ދާއިރާގެ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުމަށްޓަކައި ފަނޑިޔާރުންގެ ގައުމީ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް، މިއަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިއަހަރުގެ މަހާސިންތާ ޚާއްސަކޮށްފައިވަނީ އިސްލާމިކް ފައިނޭންސިން އަދި ޝަރުއީ ކޯޓުތަކުގައި ހުރި ޝަރުއީ އަދި އިދާރީ ކަންކަން އެއްގޮތްކުރުމާ ގުޅޭގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ