ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްތައް ފަސޭހައިން ދޫކުރުމުގެ ބާރު ރައީސަށް ދީފި

ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ. މިއަދުގެ ޖަލްސާއިން މި ބިލު ފާސްކޮށްފައި ވަނީ 55 މެންބަރުންގެ ވޯޓާއެކުއެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވީ ހަތް މެންބަރުންނެވެ. އެއާއެކު ހަމަ މިއަދު ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު އިސްލާހު ޝާއިއުކުރުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. ބިލުގައި އޮތީ މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތަކުގައި އެ ތަނެއްގެ ބިނާވެށި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިޞާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްޙޫރިއްޔާ ކަމަށެވެ. މިއީ މި ގާނޫނުގެ ފަސް ވަނަ މާއްދާއަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ. https://sun.mv/203550 މިހާރު އެ މާއްދާ އޮތް ގޮތުން ނަމަ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިޞާދީ ސިޔާސަތެއްގެ ދަށުންނެވެ. ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާނުކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންކަމުން މިހާރު ހުށަހެޅިފައިވާ އިސްލާހާއެކު ރައީސަށް ބޮޑު ބާރެއް ލިބޭނެއެވެ. މީގެ އިތުރުން ރިސޯޓުތަކުގެ މުއްދަތު 50 އަހަރަށް ނަގާފައިވާ ފަރާތްތަކަށް ގިނަވެގެން 49 އަހަރު ދުވަހަށް އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއިދޭން ވަނީ ހިމަނާފައެވެ. އެގޮތުން ހަ މަސް ދުވަހަށް އެ މުއްދަތު އިތުރުކުރުމަށް ބިލުގައި އޮތީ ހިމަނައިފައެވެ. އެގޮތުން މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 (ފަސް މިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަން ޖެހެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި ސަރުކާރުން ޓޫރިޒަމާ ބެހޭ ގާނޫނަށް ގެންނަ ތިންވަނަ އިސްލާހެވެ. މީގެކުރިން ސަރުކާރުން ވަނީ ގްރީން ޓެކްސް ދެގުނަކޮށް، ޓީޖީއެސްޓީ އަދި ޑިޕާޗާ ފީ ބޮޑުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ