ޗެތުރީގެ ގޯލާ އެކު އިންޑިއާ އިން ރާއްޖެ ބަލިކޮށްފި ޗެތުރީގެ ގޯލާ އެކު އިންޑިއާ އިން ރާއްޖެ ބަލިކޮށްފި

އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި މިރޭ ސުނިލް ޗެތުރީގެ ގޯލާ އެކު، އިންޑިއާ އިން 3-0 އިން ރާއްޖެ ބަލިކޮށްފި އެވެ.
މި މެޗުގައި އިންޑިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ، އެ ޓީމުން ރިޓަޔާކުރިކަން މިދިޔަ އަހަރުގެ ޖޫން މަހު އިއުލާނުކުރި 40 އަހަރުގެ ފޯވާޑް، ޗެތުރީ އެވެ. އިންޑިއާގެ އެޓޭކް ލީޑުކުރަމުންދިޔައީ، ޗެތުރީގެ އިތުރުން ލިސްޓަން ކޮލާސޯ އެވެ.
ރާއްޖޭން ކައުންޓަ އެޓޭކުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަށް ދޭން ކުރިއަށް ބޯޅަތަކެއް ކުޅެ، އިންޑިއާ އޭރިއާތެރެއިން ބޯޅަ ފޮނުވާލެވޭތޯ ބަލަމުންދިޔަ ނަމަވެސް އިންޑިއާ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
އިންޑިއާ އިން ލީޑުނެގީ 34 ވަނަ މިނިޓްގަ އެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލީ ޑިފެންޑަރު، ރާހޫލް ބޭކޭ އެވެ. އެ ބޯޅަ ހުއްޓުވަން ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
އޭގެ ކުރިން، ރާއްޖޭގެ އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ލިސްޓަން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އިންޑިއާ ޓީމުގެ ސުރޭޝް އަތުން ބޯޅަ ހޯދަން ރާއްޖޭގެ ސެންޓޭ މަސައްކަތްކުރަނީ.
ދެ ވަނަ ހާފު ފަށައިގެން މިނިޓެއް ތެރޭގައި ލިބުނު ކޯނަރަކުން ނެގި ބޯޅައެއް ޗެތުރީ ވަނީ ބޮލުން ތިރީ ކަނަށް ފޮނުވާލެވޭތޯ މަސައްކަތަކޮށްފަ އެވެ. އެ ބޯޅަ ހުއްޓުވީ ގޯލުގެ ދަނޑީގައި ހުރި ހަމްޕު އެވެ. އޭގެ ފަހުން، އިންޑިއާގެ ފޯވާޑް، ފާރޫގު ޗޯދުރީ އަށް ގާތްގާތުގައި ދެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
އިންޑިއާ އިން ދެ ވަނަ ގޯލު ޖެހީ ވެސް ކޯނަރަކުންނެވެ. މިއީ، މެޗުގެ 65 ވަނަ މިނިޓްގައި އޭރިއާތެރެެއަށް ކޯނަރަކުން މަހޭޝް ސިންގް ނަގައިދިން ބޯޅައަކުން ލިސްޓަން ބޮލުން ޖެހި ގޯލެކެވެ. މި ކޯނަރު ލިބުނީ އޭރިއާތެރެއިން ލިސްޓަން ހުސްކޮށް އަރައި ފޮނުވާލި ބޯޅައެއް ކީޕަރު ހުސެން މަތަކުރުމުންނެވެ.
އޭގެ ފަހުން، ރާއްޖޭން ތިން ބަދަލު ގެނަ އެވެ. ހުސެއިން ނިހާން (ނިހާޓް)، ހަސަން ނާއިޒު (ދާދު) އަދި ހަސަން ނަޒީމް (ޗޯޓު) ކުޅެން އެރި އެވެ. ރާއްޖޭން މެޗުގައި ލަނޑު ޖަަހަން އެންމެ ރަނގަޅު ފުރުސަތެއް ހޯދީ 72 ވަނަ މިނިޓްގަ އެވެ. ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުސްކޮށްލާފައި އޭރިއާތެރެއަށް ނެގި ބޯޅައަށް އަރައި، ޗޯޓު ޖައްސާލި ބޯޅަ އަމާޒުވީ އިންޑިއާގެ ކީީޕަރު ވިޝާލް ކެއިތު އަތަށެވެ.
އިންޑިއާ އިން ތިން ވަނަ ގޯލު ޖެހީ 75 ވަނަ މިނިޓްގަ އެވެ. މިއީ، ލިސްޓަން ނެގި ބޯޅައަކުން ޗެތުރީ ބޮލުން ޖެހި ގޯލެކެވެ. ރާއްޖޭގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ކުރިމައްޗަށް ނެއްޓިލުމަށް ފަހު، ޗެތުރީ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ހުސެން އަތުގައި ޖެހިފަ އެވެ. މިއީ، ރާއްޖެ ކޮޅަށް ކުޅުނު އަށް މެޗުން ޗެތުރީ ޖެހި ނުވަ ވަނަ ގޯލެވެ.
މިއީ، އިންޑިއާ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުން ޝިލޮންގައި ކުޅުނު ފުރަތަމަ މެޗެވެ. މިއީ، ރާއްޖޭގެ މައްޗަށް އިންޑިއާ އިން ހޯދި 13 ވަނަ މޮޅެެވެ. މި ދެ ޓީމު ކުުޅުނު 19 މެޗުން ރާއްޖެ މޮޅުވީ ތިން މެޗުންނެވެ.
އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އިންޑިއާ އިން މި މަހު 25 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބަންގްލަދޭޝާ ކުޅޭއިރު، ރާއްޖޭން އެ ދުވަހު ރަށުންބޭރުގައި ފިލިޕީންސާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ