އިޒްރޭލްގެ ދިފާއީ ވަޒީރު އިޒްރެއިލް ކަޒް ވަނީ ގާޒާގެ "ހަނގުރާމައިގެ ސަރަހައްދުތަކުން" ފަލަސްތީނުގެ ރައްޔިތުން އަލުން އެހެން ތަންތަނަށް ބަދަލުކުރަން އަވަހަށް ފެށޭނެކަމަށް ބުނެފަ އެވެ. މިއާއެކު، ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވަނީ ގާޒާއަށް އިޒްރޭލުން އަލުން ދޭން ފަށާފައިވާ ހަމަލާތަކަކީ "ނުރައްކާތެރި ފަހަތަށް ދިއުމެއް" ކަމަށް ވިދާޅުވެފަ އެވެ. ގާޒާގެ ސިއްހީ ވުޒާރާގެ މައުލޫމާތުތަކަށް ބަލާއިރު، އިޒްރޭލުގެ ހަމަލާތައް އަލުން ފެށުނު ފަހުން 436 މީހުން މަރުވެފައިވާއިރު، މީގެތެރޭގައި 183 ކުޑަކުދިން ހިމެނެ އެވެ.
ގާޒާއިން މީހުން ބަދަލުކުރާނެކަމުގެ އިންޒާރާއެކު، ހަމަލާތައް ވަރުގަދަ ކުރަނީ
އިޒްރޭލްގެ ދިފާއީ ވަޒީރު އިޒްރެއިލް ކަޒް ވަނީ ގާޒާގެ "ހަނގުރާމައިގެ ސަރަހައްދުތަކުން" ފަލަސްތީނުގެ ރައްޔިތުން އަލުން އެހެން ތަންތަނަށް ބަދަލުކުރަން އަވަހަށް ފަށާނެކަމަށް ބުނެފަ އެވެ.
އޭނާ ނެރުނު ބަޔާނެއްގައި، އިޒްރޭލުން މިހާރު އަލަށް ފަށާފައިވާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާކަމުގެ އިންޒާރު ދީފައިވެ އެވެ.
ކަޒް ވަނީ ހަމާސް އިން ގާޒާގައި ހިފަހައްޓާފައިވާ މީހުން ދޫކޮށްނުލައިފިނަމަ "އިޒްރޭލުން މިހާތަނަށް ދެކިފައިނުވާފަދަ ހަރުކަށި ހަމަލާތަކެއް ދޭނެކަމަށް" ބުނެފަ އެވެ.
ޖެނުއަރީ މަހުގެ ފަހުކޮޅު ގާޒާގައި ހިނގަމުންދިޔަ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމާއެކު، އެތަކެއް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެތަކުގެ ހަލާކުވެފައިވާ ބައިތަކަށް އެނބުރި ދިޔަ އެވެ. އަދި އިޒްރޭލްގެ އަސްކަރީ ބާރުތައް ވެސް ބޯޑަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ބަފަރ ޒޯނަކަށް އެނބުރި ދިޔަ އެވެ.
ގާޒާގެ ހޮސްޕިޓަލްތަކުން ބަލިމީހުން ބެލެހެއްޓުމަށް ދަތިވަމުންދޭ
ގާޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަން ހުއްޓާލާފައިވުމާއެކު، މެޑިކަލް ތަކެތީގެ ސްޓޮކް ދަށަށް ގޮސްފައިވާއިރު ޒަޚަމްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެން ދިއުމުން، ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދެ އެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ވަނީ ގާޒާގައި އިޒްރޭލްގެ އޮޕަރޭޝަންތައް އަލުން ފެށުމާ ގުޅިގެން ގާޒާގެ ހޮސްޕިޓަލްތަކުން ޒަޚަމްވާ މީހުން ބެލެހެއްޓުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށް ބުނެފަ އެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ގާޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީ ހުއްޓާލާފައިވުމާއެކު، މެޑިކަލް ތަކެތީގެ ސްޓޮކް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ އިރު، ޒަޚަމްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެން ދިއުމުން، ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ދަތިތަކާއި ކުރިމަތިވަމުންދެއެވެ،" އައިސީއާރުސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިޒްރޭލްގެ ހަމަލާތައް އަލުން ފެށުމާއެކު ވޭތުވެދިޔަ ދެ ހަފްތާގައި ގާޒާއަށް އެއްވެސް އެހީއެއް ވަނުން ވަނީ މުޅިން ހުއްޓުވާލާފަ އެވެ. މިއާއެކު ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ވަރަށް ބޮޑަށް މަދުވެފައިވެ އެވެ.
އުރުދުނުގެ ރަސްގެފާނު ގާޒާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ ފިޔަވަޅަކަށް ގޮވާލައްވައިފި
ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ވަނީ ޕެރިހުގެ ފްރާންސްގެ ރައީސް މެކްރޯންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ގޮވާލައްވާފަ އެވެ.
ރަސްގެފާނު ވިދާޅުވީ އިޒްރޭލްގެ ހަމަލާތަކާއި ގާޒާއަށް ވަންނަ ތަކެތި ހުރަސްކުރުމަކީ "އިންތިހާއަށް ދިޔަ ފިޔަވަޅުތަކެއް" ކަމަށާއި މިކަމުން އާންމު ރައްޔިތުންގެ ފުރާނަތަކަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ކަމަށެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން ވަގުތަށް އެއްބައިވެގެން ހަނގުރާމަ ހުއްޓުވުމަށާއި އެކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް މަސައްކަތްކުރަން ޖެހޭ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލްގެ ބާރުގެ ދަށުގައިވާ ވެސްޓް ބޭންކްގައި އިޒްރޭލުން ހިނގަމުންދާ އަނިޔާވެރިކަން އިތުރުވަމުން ދާކަމާމެދު ވެސް އަބްދުﷲ އިންޒާރު ދެއްވިއެވެ. އެސަރަހައްދުގައި މިއަހަރުގެ ތެރޭގައި 40،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ އެހެން ތަންތަނަށް ބަދަލުކުރެވިފަ އެވެ.
"ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މުދަލަށް ދޭ ހަމަލާތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުވާ ކަންކަން ކުރިއަށް ގެންދިއުން ހުއްދަކުރެވިއްޖެނަމަ، މިކަންކަމުން ސުލްހައިގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާނެ" ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.
"ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ބިނާކޮށް ގެނެވޭ ސިޔާސީ ހައްލަކީ މި ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލްގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ހަމައެކަނި ގޮތް" ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
ގާޒާއަށް އިޒްރޭލުން ދޭ ހަމަލާތަކަކީ 'ނުރައްކާތެރި ފަހަތަށް ދިއުމެއް' ކަމަށް މެކްރޯން ވިދާޅުވެއްޖެ
ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވަނީ ޕެރިހުގައި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާޒާއަށް އިޒްރޭލުން އަލުން ދޭން ފަށާފައިވާ ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.
"އިޒްރޭލްގެ ވައިގެ ހަމަލާތައް އަލުން ފެށުމަކީ ނުރައްކާތެރި ފަހަތަށް ދިއުމެއް، ގާޒާގެ ރައްޔިތުން އަނެއްކާވެސް ބޮމުގެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމެއް" ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ވަގުތުން ހަނގުރާމަ ހުއްޓުވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ.
"ހުރިހާ ފަރާތްތަކުން ބައިނަލްއަގްވާމީ ލީޑަރޝިޕްގެ ދަށުން، ޚާއްސަކޮށް އެމެރިކާގެ ބައިވެރިވުމާއެކު، މަޝްވަރާކުރުމުގެ މޭޒަށް އެނބުރި އައުމަކީ މުހިންމުކަމެއް،" މެކްރޯން ވިދާޅުވި އެވެ.
ރައީސް އަދި ވިދާޅުވީ ސިޔާސީ ހައްލަކީ ގާޒާއަށާއި މުޅި ސަރަހައްދަށް ކުރިއަށް ދެވޭނެ ހަމައެކަނި ވިސްނުންތެރި މަގުކަމަށެވެ. އަދި ގާޒާ އަލުން ބިނާކުރުމަށާއި އާ ވެރިކަމުގެ ނިޒާމެއް އުފެއްދުމަށް އަރަބި ދައުލަތްތަކުގެ އިސްނެގުމާއެކު ކުރާ މަސައްކަތްތަކަށް ތާއީދުކުރައްވާކަމަށް ވެސް ވިދާޅުވި އެވެ.
އިޒްރޭލްގެ ހަމަލާތައް އަލުން ފެށުމަށްފަހު މަރުވި ފަލަސްތީނު މީހުންގެ އުމުރުފުރާ ބެހިފައިވާގޮތް
ގާޒާގެ ސިއްހީ ވުޒާރާގެ މައުލޫމާތުތަކަށް ބަލާއިރު، އިޒްރޭލްގެ ހަމަލާތައް އަލުން ފެށުނުފަހުން މަދުވެގެން 436 މީހުން މަރުވެފައިވާކަމަށްވެ އެވެ.
މީގެތެރޭގައި ހިމެނެނީ:
183 ކުޑަކުދިން
125 ފިރިހެނުން
94 އަންހެނުން
34 އުމުރުން ދުވަސްވީ މީހުން
ގާޒާ ސިޓީ ކައިރީގައިވާ އަލް-ގުދުސް ހޮސްޕިޓަލް އަލުން ފެށުމާއެކު ހުޅުވައިފި
ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ގާޒާ ސިޓީގެ ހުޅަނގުގައިވާ ތަލް އަލް-ހަވާ ސަރަހައްދުގައި ހުންނަ އަލް-ޤުދުސް ހޮސްޕިޓަލް އަލުން ހިންގަން ފަށައިފިކަމަށްވެ އެވެ.
މި ހޮސްޕިޓަލަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޒްރޭލްގެ ހަމަލާތަކުން ގެއްލުން ވެފައިވެ އެވެ.
ފަލަސްތީނު ނޫސް އޭޖެންސީ ވަފާގެ ރިޕޯޓުގައިވާ ގޮތުން، ހޮސްޕިޓަލަށް ލިބިފައިވާ ގެއްލުންތަކާއެކުވެސް ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން ޒަޚަމްވެފައިވާ މީހުންނާއި، ބަލިމީހުންނާއި، ޒިޔާރަތްކުރާ މީހުން ބަލައިގަންނާނެކަމަށް އިއުލާންކޮށްފައިވެ އެވެ.
މެޑިކަލް އާލާތްތަކާއި ސަޕްލައިތައް ބޮޑަށް މަދުވެފައިވީނަމަވެސް، މެޑިކަލް އަދި އިދާރީ ޓީމްތަކުން ވޭތުވެދިޔަ ހަފްތާތަކުގައި ހޮސްޕިޓަލް އަލުން ރަނގަޅުކުރުމަށް މަސައްކަތްކޮށްފައިވެ އެވެ.
ދެ އޮޕަރޭޝަން ކޮޓަރިއާއި، އިމަޖެންސީ ޑިޕާޓްމަންޓާއި، ބަލިމީހުން ބަލާ ސަރަހައްދާއި، ބޭރު ބަލިމީހުންގެ ކްލިނިކްތަކަށް އަލުން ތަކެތި ހަމަކުރެވިފައިވެ އެވެ. އަދި މީގެއިތުރުން އިންޓެންސިވް ކެއާ ޔުނިޓާއި ރޭޑިއޮލޮޖީއާއި ލެބޯޓްރީ ފަދ ޑައިގްނޯސްޓިކް ޑިޕާޓްމަންޓްތައް ވެސް ވަނީ އޮޕަރޭޝަނަށް ގެނެވިފަ އެވެ.
2023 ވަނަ އަހަރު އިޒްރޭލްގެ ބާރުތަކުން އަލް-ގުދުސް ހޮސްޕިޓަލް ހަފްތާތަކަކަށް ވަށާލައި ބަންދުކޮށް، މެޑިކަލް މުވައްޒަފުންނާއި ސަޕްލައިތައް ވައްދަން ހުއްދަ ނުދީ، ހޮސްޕިޓަލްގެ ހިންގުން މުޅިން ހުއްޓުވާލާފައިވެ އެވެ. އަދި ހޮސްޕިޓަލް ވަށައިގެންވެސް ބޮމުގެ ހަމަލާތައް ދީފައިވެ އެވެ.
ގާޒާގައި އަނެއްކާވެސް އދ. އަށް ހިތާމަވެރި ދުވަހެއް: އަންރުވާގެ އިސް ވެރިޔާ
ފަލަސްތީނަށް އެހީތެރިވާ އދ. ގެ އެޖެންސީ (އަންރުވާ) ގެ އިސްވެރިޔާ މިއަދު ވިދާޅުވެފައިވަނީ ގާޒާގައި އދ. އަށް "އަނެއްކާވެސް ހިތާމަވެރި ދުވަހެއް" އައިސްފައިވާކަމަށެވެ.
އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި، އަންރުވާގެ ކޮމިޝަނާ ފިލިޕް ލަޒަރީނީ ވަނީ އިޒްރޭލްގެ ފަހުގެ ހަމަލާތަކުގައި މަރުވި އދ. ގެ މުވައްޒަފުންގެ އާއިލާތަކަށް ތައުޒިޔާ ފާޅުކުރައްވާފަ އެވެ.
"އަންރުވާ ހިމެނޭގޮތަށް އދ.ގެ އިންސާނީ ވާޖިބުތައް އަދާކުރުމުގައި ވަރަށް ބޮޑެތި އަގުތަކެއް މި ދައްކަމުން ދަނީ" އޭނާ ލިޔުއްވިއެވެ. "އިންސާނީ އެހީ ދިނުމުގައި މަސައްކަތްކުރާ މީހުން ހުރިހާ ވަގުތެއްގައިވެސް ރައްކާތެރިކުރަން ޖެހޭނެ."
ގާޒާ ހަނގުރާމަ އަލުން ފެށުމާއެކު އިޒްރޭލްގެ ހަމަލާތައް ވަރުގަދަވެ މިހާތަނަށް 436 މީހުން ވަނީ މަރުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ