އިސްލާމިކް މިނިސްޓްރީގެ ވަޤުފު ފަންޑަށް ކޭޝް ވަޤުފު ކުރެވޭނެ ނިޒާމު ޤާއިމުކޮށްފި

އިސްލާމިކް މިނިސްޓްރީގެ ވަޤުފު ފަންޑު ތަރައްޤީކޮށް، ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކޭޝް ވަޤުފު ކުރެވޭނެ ނިޒާމެއް މިއަދު ވަނީ ޤާއިމުކޮށްފައެވެ. މިއީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވުނު އެންމެ ބޮޑު ހެޔޮ ބަދަލު ކަމުގައި ވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ކޭޝް ވަޤުފުގެ ގޮތުގައި ލިބޭ ފައިސާ އިންވެސްޓްކޮށް، އޭގެ ސާފު ފައިދާ އިސްލާމީ ދާއިރާތަކަށް ހޭދަކުރުމަށް ވަނީ ނިންމާފައެވެ. މި ނިޒާމުގެ ދަށުން، ﷲ ގެ މަގުގައި ނަޤުދު ފައިސާ ވަޤުފުކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވިފައެވެ.
"ވަޤުފު ފަންޑަށް ޞަދަޤާތާއި ޚައިރާތާއި ހިބައާއި ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި އައު ނިޒާމުގެ ދަށުން ކޭޝް ވަޤުފުގެ ގޮތުގައި ލިބޭ ފައިސާ ބެލެހެއްޓުން ކުރިއަށްދާނީ ވަކި ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ. މިއީ އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށް އަމާޒުކޮށްގެން އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ