މާލޭގެ މަގުތަކުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން މުޒާހަރާ ކުރާތީ އިލެކްޝަންސް ކޮމިޝަނުން މިއަދު އިންޒާރެއް ދިނީ، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި އޮއްވަ އެވެ.
ހުއްދަ ނަގައިގެން، ސަރުކާރުން ކަނޑައަޅާ ސަރަހައްދެއްގައި ނޫން ގޮތަކަށް މާލޭގައި އެއްވެ އުޅުން މަނާ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަކުންނެވެ. އެއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް އެއްވެ އުޅުން ހަނިކޮށްފައި އޮތް އޮތުން އުވައެއް ނުލައްވަ އެވެ.
އެހެން އެކަން އޮއްވައި މިއަދު އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ޕާޓީން ގާނޫނާ ހިލާފަށް އެއްވުންތަކެއް ބާއްވާތީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އެމްޑީޕީން ކޮންމެ ރެއަކު މުޒާހަރާތަކެއް ކުރާތާ މިހާރު ދެ ހަފުތާވެއްޖެ އެވެ.
"ތިޔަ ޕާޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އަންގައި ނަސޭހަތްތެރިވަން. އަދި މިފަދަ ކަންތައްތައް އިތުރަށް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" އެ ސިޓީގައި ބުނެފައިވެ އެވެ.
އިލެކްޝަންސް އިން އެމްޑީޕީއަށް ސިޓީ ފޮނުވިއިރު، އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެއްވެ އުޅުމުގެ ހައްގު ފުޅާ ކޮށްދެއްވާނެ ކަމަށް ރައީސް އޮތީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ އަސާސީ ހައްގުތައް އަޅުގަނޑުމެން ކަށަވަރުކޮށްދޭން ޖެހޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްވެ އުޅުމަކީ އަސާސީ ހައްގެއް. އެއްވެ ހިޔާލުފާޅުކުރެވެން ޖެހޭނެ. އެކަމަކީ އަސާސީ ގޮތުން އޮންނަންޖެހޭ ކަމެއް. އެހެންވީމާ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބިގެންދާނެ،" އޯގަސްޓް 15، 2023، ގައި ރައީސް ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމުގެ ވާހަކަ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަަނުއްވައިފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެމަނިކުފާނުގެ މެނިފެސްޓޯގެ 19.11 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަލައި ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ބެލުމަށްފަހު އިސްލާމް ދީނާ ހިލާފުނުވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރައްވާނެ ކަމަށެވެ.
ނަމަވެސް އެއްވެ އުޅުން ހަނިކޮށްފައި އޮތް އޮތުން އުވާލަން ނުވަތަ އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރަން ސަރުކާރުން މިހާތަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
އެމްޑީޕީން މުޒާހަރާ ކުރާތީ އިލެކްޝަންސް އިން އިންޒާރު ދިން އިރު އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއް އެމްޑީޕީން މުޒާހަރާ ކުރާތީ އިލެކްޝަންސް އިން އިންޒާރު ދިން އިރު އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ