މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ. މި ހަފްލާގައި މިނިސްޓަރ މުޙައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފެށުނު ފަހުން ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 931 ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްއިން ވަނީ 787 ދަތުރު ކޮށްފައެވެ. 
އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ޑޭޝް 8 މާކާގެ އެއަރކްރާފްޓެކެވެ. މި ޚިދުމަތް ދިނުމަށްޓަކައި 15 މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ. 
މި ކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ އެއާ އެމްބިއުލާންސްގެ ޚިދުމަތުން ދިވެހިރާއްޖޭގައި މެޑިކަލް އިވެކުއޭޝަންގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މޯލްޑިވިއަން އިން ހިންގާ މި ޚިދުމަތަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތަށް ބޭނުންކުރާ މަތިންދާބޯޓު ވަނީ ބޮމްބާޑިއަރގެ ހުއްދައާއެކު އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެވިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވެފައި ވަނީ މި ޚިދުމަތަކީ އެކަށީގެންވާ ވަސީލަތްތަކާއި އެކު 24 ގަޑިއިރު މެޑިކަލް ޕްރޮފެޝަނަލުން ތިބޭ ޚިދުމަތެއް ކަމަށާއި، މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރައްވައި މިކަން ފައްޓަވައިދެއްވީތި ރައީސުލްޖުމްހުރިއްޔާއަށް ވަނީ ޝުކުރު އަދާކޮށްފައެވެ. 
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ