ޕީއެންސީގެ ވަކި މެންބަރުންތަކަކަށް ނޫނީ މަޖިލީހުގައި ވާހަކަދެއްކުން މިހާރު މަނާ: މައުރޫފް ޕީއެންސީގެ ވަކި މެންބަރުންތަކަކަށް ނޫނީ މަޖިލީހުގައި ވާހަކަދެއްކުން މިހާރު މަނާ: މައުރޫފް

ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނަށް މަަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކުން މަނާކޮށްފައިވާ ކަމަށާއި މިއަދު ވެސް އެ މެންބަރުން ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދި އާދޭސް ކުރުމުން ވެސް އެ ފުރުސަތު ދީފައި ނުވާ ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މަޓޭ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ މުޒާހަރާތަކުގައި ޕީއެންސީގެ މެންބަރުން ވެސް ބައިވެރިވާނެ ކަމަށެވެ. ސަބަބަކީ މި ސަރުކާރާ މެދު އެ މެންބަރުންގެ ހިތުގައި ވެސް ހިތްހަމަ ނުޖެހުން އުފެދި މަޖިލީހުގައި އެ ވާހަކަ ދައްކަވާ ކަމަށެވެ.
"ޕީއެންސީގެ މެންބަރުން މިހާރު މަޖިލިސް ތެރޭގައި ސަރުކާރާ ދެކޮޅަށް ވާހަކަދައްކަމުން ދާތީ، ބަސް ބުނަމުން ދާތީ މަނާކޮށްފި ވާހަކަދެއްކުން، ވަކި ބަޔަކަށް ނޫނީ މިހާރު މަޖިލީހުގައި ޕީއެންސީ މެންބަރުންނަށް ވާހަކަދެއްކުން މަނާކޮށްފި، މިއަދު ވެސް، މިއަދު ވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ބައެއް މެންބަރުން އާދޭސްކޮށް އެދިގެން ދިޔަ އެހެންނަމަވެސް ލީޑަރު، މި ފަލާހު މި ބުނަނީ ނެތޭ ދެވޭކަށް މަތިން އަންގާފައޭ އޮތީ ބައެއް މީހުންނަށޭ ފުރުސަތު ދެވޭނީ،" މަޓޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެންސީގެ ޕީޖީ ގްރޫޕުން އެގޮތަށް އަމަލު ކުރަމުން ދަނީ އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުން ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅު ކުރާތީ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކަން ހިނގަމުން ނުދާ ކަމަށް ބުނެ ޕީއެންސީ މެންބަރުން ވާހަކަދައްކަވާ ކަމަށް މަޓޭ ތުހުމަތު ކުރެއްވި އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން ކަސްދޮޅު އަޅުވައިގެން އަބަދު ނުގެންގުޅެވޭނެ ކަމަށާއި އެ މެންބަރުން ވެސް ބިރު ފަހަނައަޅައި ގޮސް އެމްޑީޕީގެ މެންބަރުންނާއެކު މަގުތައް މައްޗަށް ނުކުންނާނެ ކަމަށް މަޓޭ ވިދާޅުވި އެވެ.
"ހީ ނުކުރައްވާތި ރައީސް މުއިއްޒު ކޮންޓްރޯލް ކޮށްގެން ގެންގުޅޭ ބޮޓުންގެ މަޖިލިސް އެގޮތަށް ކޮންޓްރޯލް ކޮށްގެން ތާއަބަދު ގެންގުޅެވޭނެ ކަމަށް، ބަލިކަށި ވާނެ، ރޫޅާލާނަން، އަޅުގަނޑުމެންނާ އެކު އެ ބޭފުޅުން ނުކުންނާނެ، މި މަގުތައް ފުރާލައި ދިވެހި ފުލުހުން އަޅުގަނޑުމެން ފަހަތަށް ޖައްސާނަން،" މަޓޭ ވިދާޅުވި އެވެ.
ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނަށް ތަޅުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭ ކަމަށް މަޓޭ ތުހުމަތު ކުރެއްވިއިރު، މަޖިލީހަށް ހުށަހެޅޭ ބައެއް ބިލުތަކާ މެދު ހިތްހަމަ ނުޖެހި އެ ބިލުތަކާ ދެކޮޅު ހައްދަވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވަނީ މީގެ ކުރިން އިންޒާރު ދެއްވައިފަ އެވެ.
އެގޮތަށް އިންޒާރު ދެއްވުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރާ ބިލަށް ވޯޓު ނު ދެއްވުމުން އައްޑޫ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަަޒާން މަރުޒޫގު މީގެ ކުރިން ހިމެނިވަޑައިގެންނެވި މާލިއްޔަތު ކޮމިޓީންނާއި 241 ކޮމިޓީން އެނާ ވަނީ ވަކި ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ