500 މިލިއަން ޑޮލަރު ދައްކަން އިތުރު ސްކޫކެއް ވިއްކަން ވަނީ ރާވާފައި: މުނައްވަރު

ރާއްްޖެއިން ދުނިޔޭގެ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކު ނުވަތަ އިސްލާމީ އުސޫލުތަކަށް ފެތޭ ބޮންޑު އަންނަ އަހަރު ދައްކަން ޖެހޭއިރު، އެ ފައިސާ ދެއްކުމަށް އިތުރު ސްކޫކެއް ވިއްކުމަށް ވިސްނާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެއްޖެ އެވެ. 
ވީ ކިހިނެއް؟ -  އަންނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެއް ފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު އަދަދަކީ، އެ ސްކޫކުގެ 500 މިލިއަން ޑޮލަރު ކަމަށްވާއިރު، އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ސީއެންއެން އިކޮނޮމިކްސްއަށް ދެއްވި ބަސްދީގަތުމެއްގައި މުނައްވަރު ވިދާޅުވީ: 
500 މިލިއަން ޑޮލަރުގެ ސްކޫކާ އެކު ރާއްޖެއަކީ ބައިނަލްއަގުވާމީ ސްކޫކެއް މިގޮތަށް ދުނިޔޭގެ މާލީ ބާޒާރަށް ވިއްކި ފުރަތަމަ އެއް ގައުމު 
އެ ސްކޫކް 2018 އަދި 2019ގައި ވިއްކިއިރު އެ މުއާމަލާތުގައި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ އަދި އިސްލާމިކް ޑިވަލޮޕްމަންޓް ގްރޫޕުން އެހީތެރިވެދީފައިވާކަން މުނައްވަރު ފާހަގަކުރެއްވި 
އަންނަ އަހަރު ރާއްޖެއިން އެ ސްކޫކަށް ފައިސާ ދައްކަން ޖެހޭކަން ފާހަގަކުރައްވައި، އޭނާ ވަނީ އެކަމުގައި ވިސްނާފައިވާ ގޮތް ސީއެންއެންއާ ހިއްސާކުރައްވައިފަ އެވެ. 
"އަންނަ އަހަރު އެ ސްކޫކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އަންނައިރު، އުންމީދު ކުރަނީ އެ ސްކޫކް ރީއިޝޫ [ކުރިން ވިިއްކާފައިވާ ސްކޫކަށް ފައިސާ ދައްކަން އާ ސްކޫކެއް ވިއްކުން] ކުރެވޭނެ ކަމަށް. އަދި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ވެސް އިސްލާމިކް ސްކޫކް ވިއްކޭނޭ ފްރޭމް ވޯކް މިހާރު ވެސް އެބަހުރި،" މުނައްވަރު ވިދާޅުވި އެވެ. 
ފާހަގަކޮށްލެވޭ - ރާއްޖެއިން 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ދަރަނި އަންނަ އަހަރު ދައްކަން ޖެހޭއިރު ސްކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެގޮތުން: 
އަންނަ އަހަރުގެ 8 އެޕްރީލްގައި އެ ފައިސާ ރާއްޖެއިން ދައްކަން ޖެހޭނެ 
އެ ސްކޫކް ވިއްކާފައި ވަނީ މޯލްޑިވްސް ސްކޫކް އިޝުއޭންސް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ހަދައި އެ ކުންފުނީގެ ދަށަށް ބައެއް ހަރުމުދާ ބަދަލުކޮށްގެން 
އެ ސްކޫކަށް 500 މިލިއަން ޑޮލަރު ނުދެއްކިއްޖެ ނަމަ ރާއްޖެ ޑީފޯލްޓް ނުވަތަ ދަރަނި ނުދެއްކޭ ހާލަތުގައި އޮތް ގައުމަކަށް ވާނެ 
މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަދިވެސް ބަރޯސާވަނީ ފަތުރުވެރިކަމުގެ މައްޗަށް ނަމަވެސް، މިހާރުގެ ވިސްނުމަކީ އެކަން ބަދަލުކުރަން މާލީ ދާއިރާ ފުޅާކުރުމުގެ ސިޔާސަތުތަކެއް އެކުލަވާލުމެވެ. ހާއްސަކޮށް އިސްލާމިކް ފައިނޭންސްގެ ރޮގުން ރާއްޖެއަކީ މި ސަރަހައްދުގެ މައި ގައުމަށް ވެވިދާނޭ ކަމުގެ ތަސައްވަރު މުނައްވަރު ފާޅުކުރެއްވި އެވެ.
"ކުރިއަށް އޮތް 3-4 އަހަރުގެ ތެރޭގައި މާލީ ދާއިރާގެ ސައިޒު ދެގުނަ ކުރުމަކީ ރާއްޖޭގެ މައިގަނޑު އެއް ލަނޑުދަނޑި،" މުނައްވަރު ވިދާޅުވި އެވެ.
"ފަތުރުވެރިކަމަކީ މިކަމުގައި އަޅުގަނޑުމެންނަށް މަގުފަހިކޮށްދޭނެ ވަސީލަތެއް." 
މުނައްވަރު އިތުރަށް ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ވަނީ އިސްލާމިކް ބޮންޑު ދޫކުރުމަށް ޝަރުއީ އަދި ގާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި އެ ކަމުގައި މެލޭޝިއާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ތަޖުރިބާ ހޯދުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ