ކަރަންޓު ކެނޑުން ފަދަ ކަންކަމަކީ އަބަދުވެސް ހިނގާ ކަމެއް ކަމަށާއި އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން އިއްޔެ ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅޭނެ ގޮތް ވަރަށް ސާފުކޮށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.
"ގައުމަކަށް ދިމާވާ ބޮޑު ކަމެއްގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ސަބަބުން ލިބޭ ގެއްލުމެއްގެ ސަބަބުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅިދާނެ، ޝައްކެއް ނެތް ދެން މިތަނަށް ކުއްލި މައްސަލަ އައިސްފައި އޮންނާނީ، އަޅުގަނޑު ގަބޫލު ކުރާގޮތުގައި މަޖިލީހުގެ އިދާރީ ގޮތުން އެ ބައްލަވަންޖެހޭ ކަންތައްތަކެއް ބައްލަވާފައި، އެހެންނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ހަގީގަތުގައި މިއަދުގެ އެ މައްސަލައަކީ ހުށަހެޅޭނެ މައްސަލައެއް ނޫން،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުނު ނަމަވެސް މުހިންމު ހުރިހާ ތަނަކަށް ދެ ގަޑިއިރު ތެރޭގައި ކަރަންޓު ދެވުނު ކަމަށެވެ. އަދި ކަރަންޓު ކެނޑުނުތާ ފަސްގަޑިއިރު ތެރޭގައި މުޅި މާލެ ސަރަހައްދަށް ކަރަންޓު ދެވުނު ކަމަށް ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނުގެ ހިދުމަތާއި ކަރަންޓު ކެނޑުމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮންމެ ދުވަހަކު ވެސް ހިނގާ ކަމެއް ކަމަށެވެ. އެފަދަ މައްސަލައެއްގައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަންޖެހޭނީ އެކަމުގައި ސަރުކާރުގެ އިހުމާލެއް އޮތްނަމަ ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި މިފަދަ ހާދިސާތަކަކީ ގައުމެއްގެ ހައިސިއްޔަތުން، ރަށެއްގެ ހައިސިއްޔަތުން އަދި ގެއެއްގެ ހައިސިއްޔަތުން ވެސް ހިނގައިފާނެ ކަންކަން، މިއީކީ އަޅުގަނޑުމެން މިހައި މުހިންމު މަސައްކަތެއް ކުރާ ތަނަކަށް ކުއްލި މައްސަލައެއްގެ ގޮތުގައި ނޫނީ އެ ނޫން ވެސް ގޮތަކަށް ހުށަހަޅާ މައްސަލަތަކަކީ ހަގީގަތުގައި އެކަމުގައި ވެސް ކޮންމެވެސް ފައިދާއެއް މަންފާއެއް އޮތް ކަމަކަށް ވާންވާނެ،" ފަލާހު ވިދާޅުވި އެވެ.
އާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އިއްޔެ މެންދުރު 12:30 ހާއިރު އެވެ. އޭގެ ފަސްގަޑިއިރު ފަހުން އިއްޔެ އިރުއޮއްސުުނުފަހުން ވަނީ މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓުގެ ހިދުމަތް އަލުން ދީފަ އެވެ. މިއީ މިފަހުގެ ތާރީހުގައި ވެސް މުޅި މާލެ ސަރަހައްދުން އެންމެ ގިނަ ވަގުތަށް ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.
މުޅި މާލެ އެއްކޮށް ބްލެކްއައުޓް ވާން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.
އެކަމާ ގުޅިގެން މަޖިލީހަށް މިއަދު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ. ޝަމްހީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން 43 މެންބަރުން ވޯޓުދެއްވި އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. އެކަމަކު ވެރިކަން ހިންގާ ޕާޓީގެ އަހުމަދު އަޒާން ވޯޓު ދެއްވީ މައްސަލަ ބަލައިގަތުމަށެވެ.
ކަރަންޓު ކެނޑުމަކީ އަބަދުވެސް ހިނގާ ކަމެއް، އެކަމާ ގުޅިގެން ކުއްލި މައްސަލަ ހުށަހެޅޭނެ ކަމަށް ގަބޫލެއް ނުކުރަން: ފަލާހު ކަރަންޓު ކެނޑުމަކީ އަބަދުވެސް ހިނގާ ކަމެއް، އެކަމާ ގުޅިގެން ކުއްލި މައްސަލަ ހުށަހެޅޭނެ ކަމަށް ގަބޫލެއް ނުކުރަން: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ