އިމާރާތްކުރުމުގެ ކޮންމެ ޕްރޮޖެކްޓަކަށް ވަކިން ތާޑު ޕާޓީ އިންޝުއަރެންސް ކުރަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އިމާރާތްކުރުމުގެ ކޮންމެ ޕްރޮޖެކްޓަކަށް ވަކިން ތާޑު ޕާޓީ އިންޝުއަރެންސް ކުރަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

އިމާރާތް ކުރުމުގެ މަޝްރޫއެއްގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުމުގެ ބަދަލު ދެވޭނެހެން ކޮންމެ ޕްރޮޖެކްޓެއް ވަކިން އިންޝުއާ ކުރަން ޖެހޭގޮތަށް ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފި އެވެ.
"އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަށް ފަސް ވަނަ އިސްލާހު ގެނެސް ގެޒެޓުކުރީ އިއްޔެ އެވެ. މީގެ ކުރިން އެ ގަވާއިދުގައި އޮންނަ ގޮތުން ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުމެއްގެ ބަދަލުދެވޭނެހެން ޕްރޮޖެކްޓްތައް ވަކިވަކިން އިންޝުއާ ކުރާކަށް ނުޖެހެ އެވެ.
ނަމަވެސް އިއްޔެ ގެނައި އިސްލާހުގައި ބުނެފައިވަނީ 1.5 މިލިއަން ރުފިޔާއަށްވުރެ މަތިން އަގުކުރެވޭ ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭނެހެން ވަކިން ޕރޮޖެކްޓް އިންޝުއާ ކުރަން ޖެހޭނެ ކަމަށެވެ.
މި އިންޝުއަރެންސްގެ ދަށުން މަޝްރޫއުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާހައުލާއި، މަސައްކަތު މީހުންނާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށްޓަކައި, ކަވަރޭޖު ހޯދަން ޖެހޭނެ އެވެ.
އައު އިސްލާހުގެ ދަށުން ޕްރޮޖެކްޓު ލައިސަންސް ދޫކުރާނީ ވެސް މިގޮތަށް އިންޝުއަރެންސް ކުރީމަ އެވެ. ލައިންސަންސް ހޯދަން އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކަށް އިންޝުއާ ކުރިކަމުގެ ލިޔުން، އިއްޔެ ގެނައި އިސްލާހުގައި ވަނީ އިތުރުކޮށްފަ އެވެ.
މި ފަހުގެ ތާރީހެއްގައި މާލޭގައި އިމާރާތް ކުރަމުން ދިޔަ ސައިޓެއް ކައިރިން އެންމެ ހިތާމަވެރި ހާދިސާއަކަށް ހިނގީ، ދުވާރު މަތިން ހިނގާފައި ދަނިކޮށް މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އުމުރުން އަށް އަހަރުގެ ރައުޝަން ޖިއާން މަރުވުމެވެ.
ޖިއާންގެ މަރުގެ ބަދަލުގެ ގޮތުގައި އާއިލާއަށް 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރި އެވެ.
މީގެ އިތުރުން، އިމާރާތް ކުރަމުންދިޔަ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަންގެ މަސައްކަތްތެރިއެއްގެ މޫނަށް ދަގަނޑެއް ހެރުނު ހާދިސާއެއް ވެސް ހިނގި އެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ ކިރިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ