ވަޅިއެއް ޖަހަންވީތޯ އަހައި މަހުފޫޒަށް އިންޒާރު ދިން މައްސަލައެއް ބަލަނީ
ވަޅިއެއް ޖަހަންވީތޯ އަހައި، ގާނޫނީ ވަކީލު، މަހްފޫޒް ސައީދަށް އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މަހުފޫޒަށް އިންޒާރު ދީފައި ވަނީ ޖާނަލިސްޓް ގާސިމް ކިޔާ އެކައުންޓަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އޭނާއަށް ނިސްބަތްކޮށް، ދީފައިވާ އެ އިންޒާރު ހިއްސާކުރައްވައި މަހްފޫޒު ވިދާޅުވީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެހެން ކަމުން އެ ފަދަ އެއްވެސް ކަމެއް އެއްގޮތަކަށް ވެސް ނުކުރުމަށް ވަނީ އެދިލައްވައިފައެވެ. https://x.com/MahfuzSayd/status/1929707735761014796 މަހުފޫޒަށް އެކްސްގައި މީހަކު އިންޒާރު ދިނުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުއްﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، މަހުފޫޒުގެ ދިފާއުގައި އެކްސްގައި ޕޯސްޓުކުރައްވާފައެވެ. އެގޮތުން، މީހުންގެ ނަފުސަށް ގެއްލުން ދޭނެކަމަށް، އޮންލައިންކޮށް ނުވަތަ އެ ނޫން ގޮތަކުން ވެސް ގޮތަކަށް ގޮވައިލައި، އިންޒާރުދީ ހަދައިގެން ނުވާނެކަމަށް ޝާހިދު ލިޔުއްވާފައި ވެއެވެ. "ކަމާބެހޭ މުވައްސަސާތަކުން މި މައްސަލަ ބައްލަވައި، އަވަހަށް ފިޔަވަޅު އެޅުއްވުމަށް ގޮވައިލަން،" ޝާހިދުގެ ޕޯސްޓުގައި ވެއެވެ. https://x.com/abdulla_shahid/status/1929795733471035443 މިކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވަނީ، މިފަދަ އިންޒާރުތަކަކީ ލުއިކޮށް ދޫކޮށްލަން ވާނެ ކަންކަމެއް ނޫންކަމަށެވެ. "ޕޮލިހުން މުޒާހަރާކުރާ މީހުންގެ މައްސަލަ ބަލާވަރަށްވުރެ މުހިންމު ކަމެއް ދީގެން މިފަދަ މައްސަލަތައް ބަލައި ފިޔަވަޅުއަޅަން ޖެހޭނެ ކަމަށް ދެކެން" ފައްޔާޒުގެ ޕޯސްޓުގައި ވެއެވެ. އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަހުފޫޒު ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. މި މައްސަލައިގައި އަލީ ހުސައިންގެ ގާނޫނީ ވަކީލަކީ ވެސް މަހުފޫޒެވެ. ދެހާސް ފަނަރަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ހަވީރު މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮލަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ. މަހުފޫޒްގެ ބޮލުގެ އަރިމައްޗަށް ހެރި ވަޅި ވަނީ ދެ އިންޗި ފުންމިނަށް ވަދެފައެވެ. އެވަޅި ނަގާފައިވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ. ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައެވެ. އެ މައްސަލައިގައި ދައުވާކުރީ ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ. https://sun.mv/171492 ޝަފްރާޒާއި ރާއިދުގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ. ދެން ތިބި މީހުންގެ މައްޗަށް ކުރީ މަހްފޫޒަށް އެދުވަހު ފާރަލި ކަމަށް ބުނެ ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލައި އަށެއް ޑިސެންބަރު 2022ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ، މަހްފޫޒަށް ހަމަލާދިނީ ކޮންބައެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ނިންމައި، އެ މީހުން މިނިވަންކުރުމަށެވެ. މަހުފޫޒްގެ ބޮލަށް ވަޅިހެރިއިރު އޭނާ ހަރަކާތްތެރިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއީ ވަކީލެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ