މޯލްޑިވިއަންގެ ފަސް ވަނަ އޭޓީއާރު ފްރާންސުން ރާއްޖެއަށް ދަތުރު ފަށައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭޓީއާރު މަރުކާގެ ފަސް ވަނަ ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވިއަނުން މިއަދު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާ އޭޓީއާރު ފްރާންސްގެ ޓޫލޫޒްއިން ރާއްޖެއަށް ދަތުރު ފަށާފައިވާ ކަމަށެވެ. އެއީ އޭޓީއާރު 600-42 މަރުކާގެ ބޯޓެކެވެ.
އެ ދަތުރުގައި ގްރީސްގެ ހެރަކްލިއަން އާއި އިތުރު ދެ މަންޒިލަކަށް ޖައްސާނެ އެވެ. ނަމަވެސް ރާއްޖެއަށް އަންނާނެ ސީދާ ތާރީހެއް މޯލްޑިވިއަނުން ނުބުނެ އެވެ.
ތަފްސީލް - މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ވެސް ހަތަރު އޭޓީއާރު ހިމެނެ އެވެ. އެއީ:
ޖެނުއަރީ 2023ގައި ގެނައި އޭޓީއާރު-72ގެ 2 ބޯޓު
އޭޕްރީލް 2023ގައި ގެނައި އޭޓީއާރު-42ގެ ބޯޓެއް
މެއި 2024ގައި ގެނައި އޭޓީއާރު-42ގެ ބޯޓެއް
އެނގުން މުހިންމު - އޭޓީއާރު ފްލީޓަކަށް ބަދަލުކުރަން މޯލްޑިވިއަނުން ނިންމީ، އެ އެއާލައިންގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއިންޓެއިން ކުރަން އުނދަގޫވުމުންނެވެ.
ޑޭޝް ބޯޓުތައް އުފެއްދުން ހުއްޓާލާފައި ވުމާ އެކު މަރާމާތަށް ބޭނުންވާ ސްޕެއާޕާޓްސް ހޯދުން ދަތިވެފައިވާ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ