އަހުމަދުއާބާދު، އިންޑިއާ (ޖޫން 3) - ޕަންޖާބު ކިންގްސް އަތުން ހަ ލަނޑުން މޮޅުވެ، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން 18 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.
މިއީ، ނުވަ އަހަރަށް ފަހު، އައިޕީއެލް ފައިނަލުގައި ބެންގަލޫރު ކުޅުނު ފުރަތަމަ ފަހަރެވެ. އަށާރަ އަހަރުވީ އައިޕީއެލްގެ ތާރީހުގައި، މީގެ ކުރިން ބެންގަލޫރުން ވަނީ ތިން ފަހަރު ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. މީގެ ކުރިން ފައިނަލުގައި، 2009، 2011 އަދި 2016 ވަނަ އަހަރު ކުޅެ ބެންގަލޫރަށް އައިޕީއެލް ގެއްލުނީ، ޑެކަން ޗާޖާސް، ޗެންނާއި ސުޕަ ކިންގްސް އަދި ސަންރައިޒާސް ހައިދަރުއާބާދު އަތުން ބަލިވުމުންނެވެ. އަނެއްކޮޅުން، ޕަންޖާބުން ފައިނަލުގައި ކުޅުނު ދެ ފަހަރު ވެސް މި ވަނީ ބަލިވެފަ އެވެ. މީގެ 11 އަހަރު ކުރިން، 2014 ވަނަ އަހަރުގެ ފައިނަލުގައި އެ ޓީމު ބަލިވީ ކަލްލަތާ ނައިޓް ރައިޑާސް އަތުންނެވެ.
އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި، ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، ޕަންޖާބުން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 190 ލަނޑެވެ. ބެންގަލޫރުން އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، 35 ބޯޅައިން 43 ލަނޑު ހަދައިފަ އެވެ. އަދި، ޕްރެޝަރު ވަގުތުގައި ކުޅެން ނުކުމެ، ޖިތޭޝް ޝަރްމާ ވަނީ 10 ބޯޅައިން 24 ލަނޑު ހަދައިފަ އެވެ.
މި އިނިންގްސްގައި، ޕަންޖާބުގެ އަރްޝްދީޕް ސިންގް އާއި ކައިލް ޖެމީސަން ވަނީ ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނަގައިފަ އެވެ. މީގެ ތެރެއިން، އަރްޝްދީޕް ވަނީ ފަހު އޯވަރުގައި ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ޕަންޖާބަށް 20 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. ޕަންޖާބުގެ ކެޕްޓަން، ޝްރޭޔަސް އައްޔަރު، ހަތަރު ވަނަ އަށް ކުޅެން އަރައި، ދެ ބޯޅައިން އެއް ލަނޑަށް ނުބައިވުމުގެ ޕްރެޝަރު އެ ޓީމަށް ކުރިމަތިވިއިރު، އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 30 ބޯޅައިން 61 ލަނޑު ހެދި، ޝަޝަންކް ސިންގް އެވެ.
ކްރުނާލް (ކ) އާއި ވިރާތު މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-
މި އިނިންގްސްގައި، ބެންގަލޫރަށް އެންމެ ޕްރެޝަރު ވަގުތުތަކުގައި ތަފާތު ދެއްކީ ކްރުނާލް ޕާންޑްޔާ އެވެ. ކްރުނާލް ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. އަދި، އެ ޓީމުގެ ބުވްނޭޝްވަރު ކުމާރު ވެސް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ބެންގަލޫރުގެ މި ކާމިޔާބީ އެންމެ ހާއްސަވަނީ، އެ ޓީމާ އެކު، 18 އަހަރު މި ކާމިޔާބީ ހޯދަން މަސައްކަތް ކުރި ވިރާތު އަށެެވެ. ވިރާތުގެ ކާމިޔާބު ކްރިކެޓް ކެރިއަރަށް މަދުވެފައި އޮތީ މި ތަށްޓެވެ. ވިރާތު ވަނީ އިންޑިއާއާ އެކު، 50 އޯވަރުގެ ދެ ވޯލްޑް ކަޕާއި ދެ ޗެމްޕިއަންސް ޓްރޮފީ ތަށީގެ އިތުރުން، ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ވިރާތުއާ އެކު، ބެންގަލޫރަށް އައިޕީއެލްގައި މީގެ ކުރިން ކުޅުނު އޭބީޑީ ވިލިއަސް އާއި ކްރިސް ގޭލް ވެސް ވަނީ ބެންގަލޫރުގެ މި ކާމިޔާބީގެ އުފާފާޅުކުރުމުގައި ބައިވެރިވެފަ އެވެ.
18 އަހަރަށް ފަހު ބެންގަލޫރު ފުރަތަމަ ފަހަރަށް އައިޕީއެލް ޗެމްޕިއަންކަން ހޯދައިފި 18 އަހަރަށް ފަހު ބެންގަލޫރު ފުރަތަމަ ފަހަރަށް އައިޕީއެލް ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ