ކުރިޔަށް އޮތް ދެ މަސްތެރޭ ނަންބަރު އައިނުގެ ޚިދުމަތް ފެށޭނެ: އިބްރާހިމް

ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ނަންބަރު އައިނު ހައްދައިދިނުމުގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ. އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ޓަކައި، މާލެ ސަރަހައްދުގެ ސަރުކާރުގެ ހޮސްޕިޓަލުތަކުން ނަންބަރު އައިނުގެ ޚިދުމަތް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބޭއްވި ހަފުލާއެއްގައެވެ. މި ކަމާ ގުޅިގެން އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ މި ޚިދުމަތް ފެށުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ޖުލައިމަހު ކުރިޔަށްދާނެ ކަމަށެވެ. އަދި ދެ މަހެއްގެ ތެރޭގައި އެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅިއެވެ. "އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އިރާދަ ކުރެއްވިއްޔާ ކުރިޔަށް މި އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި މި ޚިދުމަތް ފަށަން. އެއީ ޖުލައިމަހު ތެރޭގައި، ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން މިދަނީ،" އިބްރާހިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޚިދުމަތް ފެށިގެން ދިއުމާއެކު ރައްޔިތުންގެ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް، އާސަންދައިން ކޮލިޓީ އައިނު ލިބިގެންދާނެއެވެ. މި ކަމުގައި ސަރުކާރުގެ އެދުމަކީ ރައްޔިތުންނަށް ބުރަބޮޑުނުވާ ރޭންޖެއްގެ ތެރެއިން އައިނުގެ ޚިދުމަތް ލިބިގެންދިއުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މި ޚިދުމަތް ފެށި ނަމަވެސް ސަރުކާރުން ޕްރައިވެޓް ސެކްޓަރާ ވާދަކުރަނީ ނޫން ކަމަށެވެ. ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފަށަނީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ. ރައީސް މުއިއްޒު ވަނީ މިދިޔަ އާދިއްތައިން ފެށިގެން އެ އަަދަދު 2،000އަށް އިތުރު ކުރައްވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން އައިނު ހައްދައިދިނުމުގެ ޚިދުމަތް ފެށުމަށް އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ