އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ޖައުޝަން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ޖައުޝަން

ސައުދީ އަރަބިއްޔާގައި މި އަހަރު ބާއްވާ ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން އަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ހަމަޖައްސައިފި އެވެ.
މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރިޔާދުގައި ކުރިއަށްދާނީ، 7-21 ނޮވެމްބަރަށެވެ.
ޖައުޝަން އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ގޭމްސް އެގްޒެކްޓިވް، މަރިޔަމް ޝައުފާ އަންނަނީ މިހާރު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން ބައްދަލުވުމުގައި ބައިވެރިވަމުންނެވެ.
އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް އެސޯސިއޭޝަނުން ބާއްވާ މި ބައްދަލުވުމުގައި، މި ގޭމްސްގައި ވާދަކުރާ ގައުމުތަކުގެ އޮފިޝަލުން ބައިވެރިވެ، މުބާރާތުގެ ތައްޔާރީތަކާއި އެހެނިހެން މުހިންމު ކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާއިރު، މުބާރާތުގެ ވެނިއުސްތަކާއި އެތުލީޓުންނަށް ހުރި ވަސީލަތްތައް ބަލާލުމުގެ ފުރުސަތު އޮންނާނެ އެވެ.
އެފްއޭއެމްގެ ލީގަލް ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވި، ޖައުޝަން ވަނީ، އެ އެސޯސިއޭޝަން ނާޒުކު ފައްތަރެއްގައި އޮއްވައި، ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރެ، މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި، މިހާރު އެފްއޭއެމްގައި އޮތް ނޯމަލައިޒިން ކޮމިޓީގެ ދައުރުގެ ފުރަތަމަ ދުވަސްވަރު އެ ކޮމިޓީއާ އެކު ވެސް ޖައުޝަން މަސައްކަތްތަކެއް ކުރެއްވި އެވެ.
ގާނޫނީ ދާއިރާއިން އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކާ އެކު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ޖައުޝަން ވަނީ، 2023 ވަނަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޑެޕިއުޓީ ޗެފް ޑި މިޝަންގެ މަގާމު އަދާކޮށްފަ އެވެ. އޭގެ ކުރިން، އެ އަހަރު އޮގަސްޓް މަހު، އިންޑޮނޭޝިއާގައި ބާއްވަން ތާވަލުކޮށް، ފަހުން ކެންސަލްކުރި، އެނޮކް ބީޗް ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ވެސް ޖައުޝަން ހަމަޖެއްސި އެވެ.
ސޮލިޑާރިޓީ ގޭމްސްގައި، ޖައުޝަންގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ހުރިހާ އެތުލީޓުންނަށް މި ގޭމްސްގައި ބޭނުންވާ ކަންކަން ހަމަޖެއްސުމެވެ. އެ ގޮތުން، ހުރުމުގެ އިންތިޒާމްތަކާއި، ދަތުރުކުރުމުގެ ކަންކަން ބަލަހައްޓައި އެކަންކަން ހަމަޖެއްސުމުގައި މުބާރާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ޖައުޝަން އެވެ.
އެންމެ ފަހުން، 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި، ޗެފް ޑި މިޝަން އަކަށް މަސައްކަތް ކުރެއްވީ، އައިޝަތު ޝިފާނާ ވަޖީހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ