ޢީދު ވިލޭރޭ 'މަގޭ ބަގީޗާ' ހުޅުވައި، ދަރަވަންދޫގައި ހަވާއަރުވަނީ
އީދު ދުވަހުގެ ރޭ ބ. ދަރަވަންދޫގައި 'މަގޭ ބަގީޗާ' ހުޅުވައި ހަވާއަރުވާނެ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ. ދަރަވަންދޫގައި ތަރައްގީކުރާ 'މަގޭ ބަގީޗާ'އަކީ އެ ރަށުގެ ކައުންސިލުން ތަރައްގީކުރާ ޕާކެކެވެ. 'ސަން'އަށް މައުލޫމާތު ދެމުން ބ. ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު ވިދާޅުވީ، އެ ޕާކަކީ ހުރިހާ އުމުރެއްގެ މީހުންނަށް އެކަށޭނޭ ގޮތަށް ކައުންސިލުން އިސްނަގައިގެން ތަރައްގީކޮށްފައިވާ ބޮޑު ޕާކެއް ކަމަށެެވެ. ސަމީހު ވިދާޅުވީ، އެ ޕާކުގެ މަސައްކަތްތައް ކުރަނީ ބަޔަކާ ހަވާލުނުކޮށް ކައުންސިލުގެ ސްޓާފުން، އެ މީހުންނަށް ލިބޭ ހުސްވަގުތުތަކުގައި ކަމަށެވެ. އަދި، ޕާކު ތަރައްގީކުރުމަށް އެ ރަށުގެ ކުލަބު ޖަމިއްޔާތަކާއި ވިޔަފާރިވެރީންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ދަރަވަންދޫގައި ތައްޔާރުކުރާ ޕާކު: މި ޕާކު ހުޅުވާނީ ޢީދަށް -- ފޮޓޯ/ އޭދަފުށި ޓައިމްސް އޭނާ ވިދާޅުވީ، އެ ޕާކު ހުޅުވާއިރު ޕާކުގައި ކެފޭއަކާއި، ފާހާނާއަކާއި، ބޮޑެތި ޕާޓީތައް ބާއްވާނޭ ތަނަކާއި އައުޓްޑޯ ޖިމެއްގެ އިތުރުން ދުވާ ޓްރެކަކާއި ކުޑަކުދީން ކުޅޭނޭ ސަރަހައްްދެއް ތަރައްގީކުރާނެ ކަމަށެެވެ. މި ޕާކު ހުޅުވުމަށް ހަމޖެހިފައިވަނީ އީދުވިލޭރޭ 20:30 ގައެވެ. އަދި، ޕާކު ހުޅުވުމަށް ބާއްވާ އިވެންޓުގައި ރޮބޯމޭންގެ ޚާއްސަ ޝޯއަކާއި ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ސަމީހު ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެރޭގެ 21:00ގައި ރޮބޯމޭންގެ ޝޯ ފަށާއިރު އެރޭގެ 22:30 އިން ފެށިގެން ފަސް މިނެޓަށް ހަވާ އަރުވާނެއެވެ. ދަރަވަންދޫގެ އީދު ކުޅިވަރުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން ޕާކު ހުޅުވާ ރަސްމިއްޔާތާއި ދަރަވަންދޫ އީދު ހަރަކާތްތައް ވަރަށް ފޯރިއާއެކު، ވަގުތުން އެސްއެސްމީޑިއާގެ އެކި ޕްލެޓުފޯމުތަކުން ގެނެސްދޭނެއެވެ. އެ ރަށުން އީދުގެ ހަރަކާތްތައް ވަގުތުން ގެނެސްދިނުމަށް އެސްއެސްމީޑިއާގެ ކްރޫ އެ ރަށުގައި ހަރަކާތްތެރިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ