ޖިހާދޭގެ ތުހުމަތުތައް ދޮގުކޮށް، ކުންފުނިތަކުން ރައްދުދީފި

ވޭރިއޭޝަން ގެނެސްގެން ކުންފުނިތައް މެދުވެރިކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނާޖައިޒު ފައިދާ ހޯދައިދޭ ކަމަށް ލޯކަލް ގަވަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދު (ޖިހާދޭ) ކުރެއްވި ތުހުމަތުތައް ކުންފުނިތަކުން ދޮގުކޮށް ރައްދުދީފި އެވެ.
މިމަހުގެ 27 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ޖިހާދޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކުންފުނިތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް މަގުފަހިކުރާ ކަމަށެވެ. އެގޮތުން ބިޑަށް ހުޅުވާލުމުން އެންމެ ކުޑަ އަގެއް ހުށަހަޅައިގެން މަޝްރޫއުތައް ކާމިޔާބު ކުރުމަށްފަހު ވޭރިއޭޝަންގެ ނަމުގައި އިތުރަށް ގިނަ އަދަދެއްގެ ފައިސާ އިތުރުކުރުމާއި މުއްދަތު އިތުރުކުރުމަކީ ވަރަށް ނަހަމަ ގޮތެއްގައި މުއައްސަސާތަކުން ކުރަމުން އަންނަކަމެއް ކަމަށެވެ. އަދި އެއީ ދުނިޔޭގައި ވެސް ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ހިންގުމަށް އެންމެ ބޮޑަށް ބޭނުން ކުރާ އެއް ގޮތްކަމުގައި އޭނާ ވިދާޅުވި އެވެ.
މި ތުހުމަތާ އެކު ކައުންސިލްގެ ގިނަ މަޝްރޫއުތަކެއް ހިންގާ ބެންޒީ ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބުދުއްރަހުމާނު ވިދާޅުވީ، މިހާ ތަނަށް އައިރު އެ ކުންފުނިން ކައުންސިލްގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު ނާޖައިޒު ފައިދާ ހޯދުމަށް ކައުންސިލުން އެއްވެސް ކަމެއްކޮށްފައިނުވާނެ ކަމަށެވެ.
ބެންޒީ ކުރިއަށްގެންދިޔަ ކައުންސިލްގެ މަޝްރޫއުތަކުގެ ތެރޭގައި، ދެ ވޮލީކޯޓް އެޅުމާއި ނެޓްކޯޓް އެޅުމާއި ބެޑްމިންޓަން ކޯޓްގެ މަސައްކަތާއި އިސްރަށްވެހިގެ ޕާކާއި އިރުމަތި ފަރާތުގައި ތަރައްގީކުރި 'ގަލަދުން' ޕާކާއި ބޯޒިޔާރާތް ގޮނޑުދޮށް ހިމާޔާތްކުރުން ހިމެނެ އެވެ.
މުހައްމަދު ވިދާޅުވީ، މަޝްރޫއުތައް ކުރިއަށްދާއިރު މަސައްކަތްތައް ފުރިހަމަކުރަން ބައެއް ފަހަރު ވޭރިއޭޝަންތައް ކައުންސިލުން ގެންނަ ކަމަށާއި އެ މަސައްކަތްތައް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާ ކަމަށާއި މަޝްރޫއުތައް ނިންމަން ޖެހޭ މުއްދަތަށް ނުނިންމައިފި ނަމަ ކައުންސިލުން ފިޔަވަޅު ވެސް އަޅާ ކަމުގައި އޭނާ ވިދާޅުވި އެވެ.
އެގޮތުން އެ ކުންފުނިން އެންމެފަހުން ކުރިއަށްގެންދިޔަ ބޯޒިޔާރާތް ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު މުއްދަތަށް ނުނިމުމުން ފަސްލައްކައެއްހާ ރުފިޔާ އުނިކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ލަސްވީ ރާއްޖޭން ބޭރުން ގެންނަން ޖެހޭ ޖިއޯ ބޭގްތައް ގެނައުމުގައި ލަސްވެގެން ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ފުޅާދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ވޭވްލެންތުގެ ޑިރެކްޓަރެއް ކަމަށްވާ ޔޫނުސް ވެސް ވަނީ ކައުންސިލް މަޝްރޫއުތަކުން ނާޖައިޒު ފައިދާ ހޯދައިދޭ ކަމަށް ވިދާޅުވި ވާހަކަ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، މިވީހާ ތަނަށް އަދި ދުވަހަކު ވެސް ކައުންސިލުން އެފަދަ އޮފާއެއް އައިސްފައިނުވާ ކަމަށެވެ.
"ހަމަގައިމު ވެސް މިވީހާތަނަކަށް ވޭވްލެންތަކުން މިކުރާ އެއްވެސް މަސައްކަތެއްގައި ނޯންނާނެ، މީހަކަށް ނާޖައިޒު ފައިދާއެއް ހޯދައިދީފައެއް. އަދި ކުންފުންޏަކަށް ވެސް ނާޖައިޒު ފައިދާއެއް ހޯދައިދީފައެއް. ވޭވުލެންތަކުން ނޯންނާނެ އެންމެ ރުފިޔާއެއް ކީއްކުރަން ބައި ލާރިއެއް ވެސް މި ހިންގާ އެއްވެސް ޕްރޮޖެކްޓަކުން ކައުންސިލުން ނޫން އެއްވެސް ފަރާތްތަކަށް ނާޖައިޒު ފައިދާއެއް ހޯދައިދީފައެއް. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ނުވެސް ކުރާނަން." ޔޫނުސް ވިދާޅުވި އެވެ.
އެހެން ބައެއް ފަރާތްތަކުން އެފަދަ ހުށަހެޅުންތައް ލިބުނު ކަމަށާއި އެގޮތަށް ހުށަހެޅުން ލިބުނު މަޝްރޫއުތައް ދޫކޮށްލާފައިވާ ކަމަށް ވެސް ޔޫނުސް ވިދާޅުވި އެވެ. އެކަމަކު ދުވަހަކު ވެސް މިވީހާތަނަކަށް ކައުންސިލުން އެފަދަ އޮފާއެއް އައިސްފައިވާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަށިކުޅި ޕްލެޓްފޯމާއި ހިނަވާގެ މަސައްކަތްކުރީ ވޭވްލެންތުންނެވެ. އަދި މިހާރު ސިޓީ ކައުންސިލްގެ މަޝްރޫއުތަކުގެ ތެރޭގައި ވޭވްލެންތު މިވަގުތު ކުރަމުންދަނީ ކައުންސިލް ބަނދަރު އޮފީސްގެ މަސައްކަތާއި ރަސްމީ ފާލަން ހެދުމުގެ މަސައްކަތެވެ.
އޭނާ ވިދާޅުވީ، މި ހިސާބަށް ވޭވްލެންތު ގެނެސްފައި މިއޮތީ ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދީގެން ނޫން ކަމަށެވެ.
މި މައްސަލާގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކެނަލް އިންވެސްޓްމަންޓް ވެރިޔާ އާދަމް އަހުމަދު ވިދާޅުވީ، ބިޑް ނަގައިގެން މަސައްކަތްކުރަމުންދާތާ މިހާރު 8 އަހަރުވެއްޖެ ކަމަށާއި ދުވަހަކު ވެސް ކުޅުދުއްފުށީ ކައުންސިލުން އެފަދަ ހުށަހެޅުމެއް އެ ކުންފުންޏަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ކެނަލް އިންވެސްޓްމަންޓުން ހިންގާފައިވާ މަޝްރޫއުތަކަށް ބަލާއިރު ޖަމާއަތު މިސްކިތުގެ މަރާމާތުގެ މަސައްކަތާއި ބަންޑާރަހިޔާގެ ތިން ރޯހައުސްއެއް ވަށާފާރާއި އެތަނުގެ ބައެއް މަސައްކަތްތަކާއި ނޫރު މިސްކިތުގެ މަރާމާތާއި ސްޓޭޑިއަމް ފުޓްސަލް ދަނޑުގެ ރޮސްޓަމް ހެދުން ހިމެނެ އެވެ. މިހާރު އެ ކުންފުނިން ކުރަމުންދާ މަސައްކަތަކީ ބޮޑު މުހައްމަދު ކަލޭފާނު ބަންދަރުގެ ލޭންޑްސްކޭޕިންގެ މަސައްކަތެވެ.
ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ހިންގި ބޮޑު މަޝްރޫއެއްކަމުގައިވާ 'ރަށްމަތިފަނުން' ތަރައްގީކުރި ގިބްސް ލޮޖިސްޓިކްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސާގިބު މުހައްމަދު ވިދާޅުވީ، ޕްރޮޖެކްޓްތަކުގައި އުޅޭއިރު ހުރިހާ ކައުންސިލަރުންނާއި މޭޔަރާއި އަދި ސީނިއާ މުވައްޒަފުންނާ ވެސް ބައްދަލުވާ ކަމަށެވެ. އެހެން ނަމަވެސް ދުވަހަކުވެސް އަދި މިވީތަނަށް ކައުންސިލަށް ނުވަތަ އެއިން އެއްވެސް ފަރާތްތަކަށްވިޔަސް ނާޖައިޒު ފައިދާއެއް ހޯދައިދިނުމަށް އެދިފައިނުވާ ކަމަށެވެ. އަދި އެފަދަ މަސައްކަތްތައް އެ ކުންފުނިން ނުކުރާ ކަމަށެވެ.
ރަށްމަތިފަނުންގެ އިތުރު އެ ކުންފުނި ކުރި މަސައްކަތަކުގެ ތެރޭގައި ޝަހީދު ހުސެއިން އާދަމް ބިނާ އާއި ޕަބުލިކް ލައިބުރަރީ އާއި މަނަސް ހަބް ހިމެނެ އެވެ.
ކުންފުނިތަކުން ބުނީ، ވޭރިއޭޝަން ހިމަނަނީ މަޝްރޫއު ހިންގަމުންދަނިކޮށް ކުރިން ވިސްނިފައިނުވާ ރަނގަޅު ކަންކަން ހިމަނައި ފްރޮޖެކްޓް ފުރިހަމަކުރަން ކަމަށާއި އެ މަސައްކަތަކީ ކުޅުދުއްފުށީ ކައުންސިލުން އެކަނި ކުރާކަމެއް ނޫން ކަމަށެވެ. އެއީ ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުން މަޝްރޫއުތައް ހިންގާއިރު ވަރަށް ގިނަ ވޭރިއޭޝަންތައް ގެންނަ ކަމަށް ކުންފުނިތަކުން ބުންޏެވެ. އަދި މަޝްރޫއު މުއްދަތަށް ނުނިމެންޏާ ކައުންސިލުން ފިޔަވަޅު އަޅައި ޕްރޮޖެކްޓުން ފައިސާ އުނިކުރާކަމަށް ވެސް އެ ފަރާތްތަކުން މައުލޫމާތުދިނެވެ.
ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުތަކާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ