ލަންކާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 334އަށް އަރައިފި

ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް 334 މީހަކު މަރުވެ، 228 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން މިއަދު ބުނެފި އެވެ.
ވެރިރަށް ކޮލަމްބޯގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާތީ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ބާރުގަދަ އެ ތޫފާނެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލަންކާއަށް ވެފަ އެވެ. 
ޑީއެމްސީން ބުނީ އިއްޔެގެ ނިޔަލަށް 400އަށް ވުރެ ގިނަ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ޑީއެމްސީން ވަނީ ލަފާކޮށްފަ އެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގެއްލުނު މީހުންގެ ތެރޭގައި ނޭވީގެ ފަސް މީހަކު ވެސް ހިމެނެ އެވެ. އެ މީހުން އެންމެ ފަހުން ފެނިފައިވަނީ ޗަލައި ލެގޫންގައި ހުންނަ ނޭވަލް ސަބް ސްޓޭޝަނެއްގައި ފެން ދައުރުވުން ހުއްޓުވަން މަސައްކަތް ކުރަނިކޮށެވެ.
އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން 20،000އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 122،000އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. އިތުރު 833،000 މީހަކަށް އެހީ ބޭނުންވެ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވެ އަދި މީހުން ސަލާމަތް ކުރުމަށް ފުލުހުންނާއި އަސްކަރިއްޔާ އަދި ވައިގެ ސިފައިން ހިމެނޭ ގޮތަށް 24،000އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ޑީއެމްސީން ބުނީ ކޮލަމްބޯގެ އުތުރުގެ ސަރަހައްދަށް ވެސް ފެންބޮޑުމުގެ ހާދިސާތަކާ ކުރިމަތިވަމުން އަންނަ ކަމަށާއި ކެލާނީ ކޯރުގެ ފެންގަނޑު ބޮޑުވަމުން އަންނަ ކަމަށެވެ. 
"ތޫފާން ލަންކާ ފަހަނައަޅައި މިހާރު ވަނީ ގޮސްފައި، އެކަމަކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކެލާނީ ކޯރުގެ އައްސޭރިފަށުގައި ހުރި ތިރި ހިސާބުތަކުގައި ވަނީ ފެންބޮޑުވައި،" ޑީއެމްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ތޫފާނު ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ހޮނިހިރު ދުވަހު އިއުލާން ކުރައްވައި ބައިނަލްއަގުވާމީ އެހީތެރިކަމަށް ގޮވާލައްވައިފަ އެވެ.
ފުރަތަމަ އެހީވީ އިންޑިއާ އިންނެވެ. އަދި އެ ގައުމުން ވަނީ މީހުން ސަލާމަތް ކުރުމަށް އެހީއަށް ބޭނުންވާ ސާމާނާއި ދެ ހެލިކޮޕްޓަރު ފޮނުވައިފަ އެވެ. ޖަޕާނުން ބުނީ މިހާރުން މިހާރަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ޓީމެއް ފޮނުވާނެ ކަމަށެވެ.
ޑީއެމްސީން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސެންޓްރަލް ޕްރޮވިންސްގެ ބައެއް މަގުތައް އަދި ވެސް އޮތީ ދަތުރު ކުރެވޭ ހާލަތެއްގައި ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ