މިއަދު ފަށާ އެފްއޭއެމް ވިމެންސް ލީގުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަދަލުކޮށްފި އެެވެ.
އެގާރަ އަހަރަށް ފަހު، 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެފްއޭއެމް އިން އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވާއިރު، މި މުބާރާތުގެ މެޗުތައް ކުޅެން ނިންމީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.
އެކަމަކު، މިހާރު އެ ނިންމުން ބަދަލުކޮށް، ޖުމްލަ ހަ ޓީމެއް ކުޅޭ އެފްއޭއެމް ވިމެންސް ލީގުގެ މެެޗުތައް މިއަދު ފަށާނީ ހެންވޭރު ދަނޑުގައި މުބާރާތް ކުރިއަށްދާ ގޮތަށެވެ.
މުބާރާތުގެ މެޗުތައް ހެންވޭރު ދަނޑަށް ބަދަލުކުރުމާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރީރު ވިދާޅުވީ، މިދިޔަ ތިން ވަރަކަށް ދުވަހު ކުރި ވިއްސާރައިގައި ގަލޮޅު ދަނޑުގެ ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި، ގަލޮޅު ދަނޑުގެ ބެލެހެއްޓުމުގެ ޒިންމާ އޮތް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ލަފާގެ މަތިން، ވިމެންސް ލީގުގެ މެޗުތައް ހެންވޭރު ދަނޑަށް ބަދަލުކުރީ ކަމަށް ޒަރީރު ވިދާޅުވި އެވެ.
"އެއްވެސް ހާލަތެއްގައި ފިރިހެނުންގެ މުބާރާތްތަކަށް ގަލޮޅު ދަނޑު ހާއްސަކުރުމުގެ ގޮތުންނެއް ނޫން. އިންޓަނޭޝަނަލް މެޗުތައް ވެސް ކުޅެން އޮތީ ހަމައެކަނި ގަލޮޅު ދަނޑު ކަމަށްވެފައި، ވިއްސާރައިގައި މިދިޔަ މެޗުތައް (ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް) ގަލޮޅު ދަނޑުގައި ކުޅެފައި، މިއަދުން ފެށިގެން ވިމެންސް ލީގުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭ ކަމަށްވާނަމަ ކޮންޓިނުއަސްކޮށް ހުރިހާ މެޗެއް ދަނޑުގައި ކުޅެ، ވިނަގަނޑު އިތުރަށް ހަލާކުވާނެތީވެ، މިނިސްޓްރީގެ ވެސް ލަފަޔާ އެކު ހެންވޭރު ދަނޑަށް މުބާރާތް ބަދަލުކުރަން އިއްޔެ މި ނިންމީ،" ޒަރީރު ވިދާޅުވި އެވެ.
ވިމެންސް ފުޓްބޯލް ލީގުގައި ވާދަކުރާ ހަ ޓީމަކީ، އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ޓީސީން ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.
އެފްއޭއެމް ވިމެންސް ލީގުގެ މެޗުތައް ހެންވޭރު ދަނޑަށް ބަދަލުކޮށްފި އެފްއޭއެމް ވިމެންސް ލީގުގެ މެޗުތައް ހެންވޭރު ދަނޑަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ