ޝަރީފް ހިމެނޭހެން ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑް ދީފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، އެވޯޑް ދީފިއެވެ. އެކަން ފާހަގަކުރުމަށް ހާއްސާ ހަފްލާއެއް ބާސެލޯ ނަސަންދުރާގައި ރޭ ބާއްވާފައިވެއެވެ. މިރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބްއާއި ބޯޑު މެންބަރުންނެވެ. މި ހަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ. ސާޅީސް އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސާ ހަސަން ޝާމަށް ބީއެމްްއެލް އިން ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. އަދި ބޭންކަށް 25 އަހަރު ޚިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފަށްވެސް ވަނީ އެވޯޑެއް ދީފައެވެ. އެވޯޑު ލިބުނު މުވައްޒަފުންނާ މުޚާތަބުކުރައްވާ ޝަރީފް ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަ ވަނީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކޮށްދޭ ވަގުތުތަކުން ކަމަށެވެ. އަދި އެ މުއައްޒަފުންގެ ހުނަރާ، އެ މުއައްސަސާއެއްގެ "މިޝަން" ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޖޯޝު ވެސް އޭނާ ވަނީ ކާމިޔާބީގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. "އެހެންކަމުން މި ބޭންކު މިއަދު ކާމިޔާބުކަމާއި އެކު މިހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަބޭފުޅުން. އެހެންކަމުން ތިޔަކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ބޭންކުގެ ބޯޑާއި މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." ޝަރީފް ވިދާޅުވެފައިވެއެވެ. ނުވަދިޔަ ނުވަ އިންސައްތައަށް ވުރެ ގިނަ ދިވެހި މުވައްޒަފުންނާއެކު ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ގިނަ ވަޒީފާގެ ފުރުސަތުދޭ މުއައްސަސާއެވެ. މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައި ދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައެވެ. އަދި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ބާއްވައެވެ. މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާ ގުޅޭ ގޮތުން ބީއެމްއެލްއިން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން ޖެހިޖެހިގެން ގިނަ އަހަރުތަކެއްގައި " އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް"، އެބޭންކަށް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ