ވިރާތު އާއި ރޯހިތުގެ ރެކޯޑާ އެކު އިންޑިއާ އިން މޮޅަކުން ފަށައިފި ވިރާތު އާއި ރޯހިތުގެ ރެކޯޑާ އެކު އިންޑިއާ އިން މޮޅަކުން ފަށައިފި

ރާންޗީ، އިންޑިއާ (ޑިސެމްބަރު 1) - ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާގެ ރެކޯޑާ އެކު، ދެކުނު އެފްރިކާއާ ދެކޮޅަަށް އިންޑިއާ އިން ކުޅޭ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ސީރީސްގެ ފުރަތަމަ މެޗުން 17 ލަނޑުން މޮޅުވެއްޖެ އެވެ.
ރާންޗީގެ ޖާރްކަންޑް ސްޓޭޓް ކްރިކެޓް އެސޯސިއޭޝަން އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ދެކުނު އެފްރިކާ އިން ނިންމީ ހޮވާށެެވެ.
އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވިއިރު، 349 ލަނޑު ހެދި އެވެ.
އިންޑިއާ އަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ، 120 ބޯޅައިން 135 ލަނޑު ހެދި ވިރާތު އެެވެ. މިއީ، އޯޑީއައި ފޯމެޓްގައި ވިރާތުގެ 52 ވަނަ ސެންޗަރީ އެވެ. އޭނާ އަކީ ކްރިކެޓް ތާރީހުގައި ވެސް އެއް ފޯމެޓެއްގައި އެންމެ ގިނަ ސެންޗަރީ، އިންޓަނޭޝަނަލް ކްރިކެޓްގައި ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ.
މީގެ ކުރިން، އޯޑީއައިގައި އިންޑިއާ އަށް އެންމެ ގިނަ ސެންޗަރީ ހެދުމުގެ ރެކޯޑް އޮތީ 49 ސެންޗަރީ ހެދި ސަޗިން ޓެންޑުލްކަރު އަތުގަ އެވެ. އަދި، މީގެ ކުރިން، އެއް ފޯމެޓްގައި އެންމެ ގިނަ ސެންޗަރީ ހެދުމުގެ ރެކޯޑް އޮތީ 51 ސެންޗަރީއާ އެކު ސަޗިން އަތުގަ އެވެ. އެ ރެކޯޑް ވެސް ވިރާޓު މި ވަނީ މުގުރާލައިފަ އެވެ.
ރޭގެ މެޗުގައި، ރޯހިތު ވަނީ އޯޑީއައި ފޯމެޓްގައި އެންމެ ގިނައިން ހަޔަކަށް ޖަހައިގެން 15 އަހަރު ވަންދެން ޝާހިދު އަފްރީދީ ހަދާފައި އޮތް ރެކޯޑް މުގުރާލައިފަ އެވެ. އަފްރީދީ ރެކޯޑް ހެދީ 351 ބޯޅަ ހަޔަކަށް ޖަހައިގެންނެވެ. ރޯހިތު ވަނީ ހުރިހާ ފޯމެޓަކަށް ބަލާއިރު، އިންޓަނޭޝަނަލް ކްރިކެޓްގައި، 642 ބޯޅަ ހަޔަކަށް ޖަހައިފަ އެވެ.
ރޯހިތު ރެކޯޑް ހެދީ އޯޑީއައިގެ 277 މެޗުން 352 ބޯޅަ ހަޔަކަށް ޖަހައިގެންނެވެ. ޕާކިސްތާންގެ އަފްރީދީ މި ރެކޯޑް ހަދާފައި އޮތީ 398 މެޗުންނެވެ.
ވިރާތު އާއި ރޯހިތު ވަނީ އިންޑިއާގެ ޓީ20 އާއި ޓެސްޓް ކްރިކެޓް ޓީމުން ރިޓަޔާކޮށްފަ އެވެ.
ދެކުނު އެފްރިކާ އިން އިއްޔެގެ މެޗުގައި، ކުޅެން އަރައި، 49.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 332 ލަނޑެވެ.
މި މެޗުގައި ދެކުނު އެފްރިކާ އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، މެތިއު ބްރީޓްޒްކާ އެވެ. އޭނާ ވަނީ 80 ބޯޅައިން 72 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި އިންޑިއާގެ ކުލްދީޕް ޔާދަވް ވަނީ 10 އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ.
ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ ތިން މެޗުގެ އޯޑީއައި ސީރީސްގެ ދެ ވަނަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ