"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ މުވައްޒަފުންގެ ފަރާތުން 100,000 ރުފިޔާގެ ހަދިޔާކޮށްފި

ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ މުވައްޒަފުންގެ ފަރާތުން ބޮޑު އެހީއެއް ލިބިއްޖެއެވެ. މި ވުޒާރާގެ މުވައްޒަފުންގެ ފަރާތުން މި ޓެލެތޯނަށް ވަނީ 100,000 (އެއް ލައްކަ) ރުފިޔާގެ ހަދިޔާއެއް ކޮށްފައެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ ހެޔޮއެދުންތައް ފާޅުކޮށް، ސްރީ ލަންކާއަށް އެހީވުމަށް ހިންގާ މި ޓެލެތޯނަށް މިހާތަނަށް ލިބުނު އެހީގެ ޖުމްލަ އަދަދު ވަނީ 6 މިލިޔަން ރުފިޔާއާ ގާތްކޮށްފައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ މުވައްޒަފުންގެ ހިއްސާއަކީ މި ޓެލެތޯނަށް ލިބުނު އެންމެ ބޮޑު އެހީތެރިކަންތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެހީއެކެވެ.
މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި އާންމު ފަރުދުންވެސް އަންނަނީ ހެޔޮކަމުގެ މި މަސައްކަތުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި ހިތްހެޔޮކަން ދައްކުވައިދޭ ކަމެކެވެ.
އެހީގެ މި ޓެލެތޯން ކުރިއަށްދާނީ މިއަދުގެ މެންދުރުފަހު 2:00 ހަމައަށެވެ.
ޓެލެތޯނަށް ލިބެމުންދާ ބޮޑު ތަރުހީބަކީ، ދިވެހިންގެ ތެރޭގައި އޮތް އެހީތެރިވުމުގެ ރޫޙު އާލާކޮށްދޭ ކަމެއް ކަމަށް ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ