އެލިއާއިން ސްރީލަންކާއަށް 20،000 ޑޮލަރުގެ އެހީއެއް އެލިއާއިން ސްރީލަންކާއަށް 20،000 ޑޮލަރުގެ އެހީއެއް

އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ކާރިސާއާ ގުޅިގެން ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެ ގައުމު އާރާސްތު ކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ދިވެހިރާއްޖޭގެ އަމިއްލަ ކުންފުނި، އެލިއާ އިން 20,000 އެމެރިކާ ޑޮލަރު އެ ގައުމަށް ހަދިޔާކޮށްފި އެވެ.
އެލިއާއިން އެ އެހީ ހަވާކުކުރީ ސްރީލަންކާގެ ހައިކޮމިޝަނާ އެވެ. އެލިއާގެ ފަރާތުން ކޮމިޝަނާ ހަވާލު ކޮށްދިނީ އެލިއާގެ ސީއެފްއޯ ސަމަން ޕުޝްޕާކުމާރާ އެވެ. ސްރީލަންކާގެ ހައި ކޮމިޝަންގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ސްރީލަންކާގެ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން އެވެ.
ސްރީލަންކާއަށް ކުރި ވިއްސާރައިގެ ސަބަބުން އަސަރުކުރި ހުރިހާ ފަރުދުންނާއި އާއިލާތަކަށް އެލިއާއިން ވަނީ ތައުޒިޔާ ކިޔާފަ އެވެ.
ތޫފާނު ޑިޓުވާގެ ސަބަބުން ސްރީލަންކާއަށް ކުރި ވިއްސާރައިގައި މިހައިތަނަށް އެ ގައުމުގެ 355 މީހުން މަރުވެ 366 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ސްރީލަންކާއާ ހަމައަށް ފޯރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ތޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ.
އެ ހާދިސާއާ ގުޅިގެން އެކި ގައުމުތަކާއި އަމިއްލަ ފަރުދުން ވެސް ދަނީ އެ ގައުމަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. އެގޮތުން ދިވެހި ސަރުކާރުން ވެސް ވަނީ އެ ގައުމަށް އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭހެއް ދޭން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ