ދެމަފިރިންގެ ކައިވެންޏަށް 8 އަހަރެވެ. 2 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާއަކީ ހެޔޮ މީހެކެވެ. މައްސަލައަކީ ބައެއް ކުދިކުދި ކަންކަމުގައިވެސް ދެމަފިރިންނަށް އެއްބަސްނނުވެވި ޒުވާބަކަށް ބަދަލުވާކަމެވެ. އެހެންވެ. އަނބިމީހާ ޤަޞްދުކުރީ ކައިވެނި ރޫޅައިލުމަށެވެ.
ފިރިމީހާ އޮފީހުގައި އިންދައި ގޮސް އެދުނީ ވަރީގެ އެއްބަސްވުމުގައި ސޮއިކުރުމަށެވެ. ފިރިމީހާ އާދޭސްކޮށްފައި ބުނީ އޭނާ ކިޔައިދޭ އެންމެ ވާހަކައެއް އަޑުއަހާލާފައި ގޮތް ނިންމުމަށެވެ. އަޑުއެހުމަށްފަހު ގޮތް ނިންމައި ވަރިޥާން ބޭނުންނަމަ ސޮއިކުރާނެ ކަމަށެވެ.
ފިރިމީހާ ކިޔައިދިން ވާހަކަ:
އެއީވެސް ދެމަފިރިންނެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ ދެމީހުންވެސް ބޭނުންވީ ވަކިވާށެވެ. އެެހންވެ ކައިވެނި ރޫޅައިލީއެވެ. ހުރީ 5 އަހަރުގެ ދަރިއެކެވެ. ދަރިފުޅު ގެންދިއައީ މަންމައެވެ.
މަންމަ ދެވަނަ ކައިވެނިކުރިއެވެ. އެކައިވެންޏަށް ދަރިއަކު ލިބުމާއިއެކު ދޮށީދަރިފުޅު ބާކީވެއެވެ. ނިކަމެތިކަން ލިބެން ފެށިއެވެ. އެކަންކަމަށް ކެތްނުކުރެވިގެން ބައްޕަގެ އެހީތެރިކަމަށް އެދެން ދިއައިރު ބައްޕަވެސްހުރީ ކައިވެނިކޮށްގެންނެވެ. އެންމެ ކުޑަމިނުން ގެއަށް ވައްދަންވެސް ދޮންމަންމަ އެއްބަހެއް ނުވިއެވެ.
ކުއްޖާ އެދުވަހުން ފެށިގެން އުޅުނީ މަގުމަތީގައެވެ. ކާނެއެތިކޮޅު ހޯދައި އުޅުނީ އެއުމުގައިވެސް ކުރެވޭނެ މަސައްކަތްކޮށްގެންނެވެ. މީހުންނަށް ކަންކަން ކޮށްދީގެންނެވެ. މަންމަ ޢާއި ބައްޕަ ދުނިޔޭގައި ތިބެވެސް ކުއްޖާއަށް އުޅެންޖެހުނީ އަޅައިލާނެ އެއްވެސް މީހަކު ނެތް ކުއްޖަކު ފަދައިންނެވެ.
މިއީ އެއިގެ 20 އަހަރު ފަހެވެ. ތިބާގެ ކުރިމަތީގައި އިނދެ ތިބާއަށް މިވާހަކަ މިކިޔައިދިނީ މިބުނި ނިކަމެތި ޙާލުގައި މަގުމަތީގައި އުޅެ ބޮޑުވި ކުއްޖާއެވެ. މިއަދު ތިބާގެ ފިރިމީހާއެވެ. ދެން ނިކަން ބުނެބަލާށެވެ. ތިއަ ގޮތަށް ފުއްޕާފައި ވަރިވެގެން ދިއައިމާ 2 ދަރިންނަށް ޖެހޭނީ ކޮން ޙާލެއް ހެއްޔެވެ؟ ވަރިކޮށްދޭން ބޮޑުވެގެނެއް ނުއުޅެމެވެ. ކަންބޮޑުވަނީ އަހުރެންނަށް ޖެހުނު ޙާލު އަހުރެންގެ 2 ދަރިންނަށް ޖެހިދާނެކަމާއިމެދުގައެވެ.
ވާހަކަދައްކައިފިނަމަ ޙައްލުނުކުރެވޭނެ ވަރުގެ މައްސަލައެއް އަހުރެމެންގެ މެދަކު ނެތެވެ. ބޭވަފާތެރިއެއް ނުވަމުއެވެ. އަޅައިނުލުމުގެ މައްސަލައެއްވެސް ނެތެވެ. މިއުޅެނީ ޖެހޭ ކުދިކުދި ކަންކަމުގެ މައްސަލައެވެ. ދެން ނިކަން ބުނެބަލާށެވެ! ބޭނުންވަނީ ވަރިޥާން ހެއްޔެވެ؟ ނޫނީ އެކުގައި އުޅެން މަސައްކަތްކުރަން ހެއްޔެވެ؟
ފިރިމީހާގެ ވާހަކަ ނިމުމުން އަނބިމީހާ ތިރިވީ ފިރިމީހާގެ ދެފައިތިލަ މައްޗަށެވެ. އާދޭސްކޮށްފައި ބުނީ ވަރިނުކުރުމަށެވެ. ކައުންސިލިންގ ހޯދައިގެންވެސް ރުޅި ނައިސް އުޅެން ދަސްކުރަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.
މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންކަން މެދުވެރިވި ގޮތެވެ. އަޅުގަނޑަށް މިއީ ވަރަށް މުހިންމު ފިލާވަޅަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ދަރިން ލިބޭފަހުން ކައިވެނި ރޫޅާލަން ބޭނުންވާ މީހުންނަށް މިއީ ވަރަށް ފައިޑާކުރާނެ ފިލާވަޅެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ދަރިން ތިއްބާ ކައިވެނި ރޫޅާލަން ބޭނުން މީހުން ކޮންމެހެން ކިޔާލަން ޖެހޭ ޙާދިސާއެއް! އަގުހުރި ފިލާވަޅެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ