އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ހަތްވަނަ އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެ ދުވަހު އެ ބިލު ފާސްކުރީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ 75 މެންބަރުންގެ ވޯޓާއެކުގައެވެ. އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވެސް އިސްލާހު ގެނެސްފައެވެ. މިއަދު ރައީސް އޮފީހުން ބުނީ، ގާނޫނު އަސާސީއަށް ގެނައި ހަތްވަނަ އިސްލާހާ އެކު ލާމަރުކަޒީ ނިޒާމު ހިންގުމުގެ ގޮތުން، އެ ނިޒާމުގެ ބައެއްގެ ގޮތުގައި އަތޮޅު ކައުންސިލުތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާކުރުން ވަނީ އުވާލާފައި ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭ ކަންކަން ތަންފީޒުވާނީ މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އަދި، އަލަށް އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ފެށެންދެން މިހާރު އޮތް އަތޮޅު ކައުންސިލްތައް ދެމިއޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. https://sun.mv/214407 ބުރާސްފަތި ދުވަހު ބޭއްވެވި މަޖިލީހުގެ 26 ވަނަ ޖަލްސާގައި ވަނީ ކައުންސިލްގެ ހުއްދައާ ނުލާ މަޝްރޫއުތައް ހިންގޭ އިސްލާހަކާ އެކު، ކައުންސިލަރުން މަދުކުރަން ފާސްކޮށްފައެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީގެ ތާއީދާ އެކު 56 މެންބަރުންގެ ވޯޓުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އަދި، 54 މެންބަރުންގެ ވޯޓާ އެކު އެ ގާނޫނު ވަނީ ފާސްކޮށްފައެވެ. އާ އިސްލާހާ އެކު ކައުންސިލަރުންގެ އަދަދަށް އަންނާނެ ބަދަލުތައް: 2،000 އަށްވުރެ ކުޑަ އާބާދީތަކުގައި އިންތިޚާބުކުރާނީ ތިން ކައުންސިލަރުން - ތިން ކައުންސިލަރުންގެ ތެރެއިން އެކަކު ވާންވާނީ އަންހެނަކަށް 2،000 އަށްވުރެ ބޮޑެތި އާބާދީތަކުގައި ފަސް ކައުންސިލަރުން - ދެ ކައުންސިލަރުން އަންހެނުންނަށް ވާންޖެހޭނެ މާލެއަށް އިންތިޚާބުކުރާނީ މަޖިލީގުގައި މާލެ ދާއިރާތަކުގެ މެންބަރުން ތިބޭ ނިސްބަތަށް ފުވައްމުލައް ސިޓީ ކައުންސިލަށް ދެން އިންތިހާބު ކުރާނީ ނުވަ ކައުންސިލަރުން އައްޑޫ ސިޓީ ކައުންސިލަށް 11 ކައުންސިލަރުން އިންތިޚާބުކުރާނެ މީގެ އިތުރުން، ރައީސް ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލު ވެސް މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. https://sun.mv/214528 މި ބިލުގެ ދަށުން ގެނެވުނު އިސްލާޙްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަންވާނީ އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައި، އިސްލާޙުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ