ގެއްލުމުގައި ހިންގާ ކުންފުނިތަކަށް ބަޖެޓުން 1.7 ބިލިއަން ޚަރަދުކޮށްފި
ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން އެނގިއްޖެއެވެ. އެތައް ބިލިއަން ރުފިޔާއަކުން ދަރާފައިވާ ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު 20 ވަނަ ދުވަހާ ހަމައަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރަށްވުރެ 175 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި، މި އަހަރަށް ބަޖެޓުކުރި 378 މިލިއަން ރުފިޔާއަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ސަރުކާރު ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ސިޔާސީ ބޭނުމަށް ބޭނުންކުރާކަމުގެ ތުހުމަތު ވަނީ ބޮޑުވެފައެވެ. https://sun.mv/213072 ޚާއްސަކޮށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތަކުގައި ވެސް ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން، މި ފަހުން އާންމުކުރި ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ލިބެން ހުރި ތަފާސްހިސާބުތަކަށް އެކަނި ބެލި ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ޖުމުލަ ދަރަނި ހުރީ 54 ބިލިއަން ރުފިޔާގައެވެ. އަދި، ސިޔާސީ ބޭނުމަށް ސަރުކާރު ކުންފުނިތައް ބޭނުންކުރާކަމުގެ ތުހުމަތު އަމާޒުވާއިރު، އެ ކުންފުނިތަކުގައި ޖުމުލަ 36،000 އެއްހާ މުވައްޒަފުން އެބަތިއްބެވެ. ސަރުކާރުން މި ފަހުން ވަނީ ގިނަ މަޝްރޫއުތަކެއް ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި ހިންގާތާ އެތައް ޒަމާނެއްވިއިރު އޭގެ ތެރެއިން 22 ކުންފުންޏަކީ ސީދާ 100 އިންސައްތަ ސަރުކާރުން ހިއްސާވާ ކުންފުންޏެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ