އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ މިރޭ އޮލިމްޕަހަށް
ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ދުވަހު ދެމިހުރެ، ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓް އިން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު "އަލްވަދާޢު" ގެ ޝޯތައް މިރޭ އޮލިމްޕަސް ސިނަމާގައި ފަށާނެއެވެ. މި ފިލްމަކީ ޑާކް ރެއިން އިން މި އަހަރު ފިލްމީ މަސައްކަތަށް, ވަގުތީގޮތުން އަލްވަދާޢު ކިޔުމުގެ ގޮތުން ނެރޭ ފިލްމެކެވެ. އަސަރުގަދަ ލޯބީގެ މި ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އާއި ޝަރަފް އަބްދުالله އެވެ. މީގެ އިތުރުން މުހިންމު އެހެން ރޯލުތަކުން، މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، އަދި ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފްގެ އިތުރުން މަޒީން އާއި ހާޒިފް ފެނިގެންދާނެއެވެ. ފިލްމު ”އަލްވަދާޢު“ ލިޔެފައިވަނީ ޝަހުދާ މަހްމޫދު (ޝަހޫ) އެވެ. އަދި މި ފިލްމު ޑައިރެކްޓްކުރީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކް ރެއިންގެ ގިނަ ކާމިޔާބު މަސައްކަތްތަކެއްގެ ފަހަތުގައި ހުރި ޗިއްޕެގެ ގިނަ އުފެއްދުންތަކަކީ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ މަސައްކަތެކެވެ. މި ފިލްމުގެ ކެމެރާގެ މަސައްކަތް (ސިނެމެޓޮގްރަފީ) ކޮށްފައިވަނީ ފިލްމު ޑައިރެކްޝަނުން ވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓާ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ. ފިލްމު ކާމިޔާބުކުރުމަށްޓަކައި ފަންނީ ގޮތުން ގިނަ ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. ”އަލްވަދާޢު“ އަކީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރު ނެރޭ ދެވަނަ ފިލްމެވެ. މި ފިލްމާއެކު މި އަހަރުގެ ފިލްމީ މަސައްކަތްތަކަށް ވަގުތީގޮތުން ނިމުމެއް ގެނެސްފައިވާއިރު، މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުޙީބެއް ލިބޭނެކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ. ފިލްމުގެ ޓައިޓްލް ލަވަ ކަމުގައިވާ "އަލްވަދާޢު" މީގެ ދެ ހަފްތާ ކުރިން އާއްމުކޮށްފައިވާއިރު މި ލަވައަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. ފިލްމްގެ ޓިކެޓް މި ވަގުތު ވެސް ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ. ފިލްމުގެ ޓިކެޓް ހޯދުމަށް ގުޅަން ޖެހެނީ 9911229 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ