ކޮންމެ ކަމެއްވެސް އިސްތިޚާރާކޮށްގެންކުރާ ކުއްޖަކު އިސްތިޚާރާއަށް އިތުބާރުކޮށް އެތައް ގަޑިއިރަކު އިންތިޒާރުކުރުމުން ވަޒީފާއާ ތަނަވަސް ފިރިއެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑަކީ ކޮލެޖް ނިންމައިގެން ހުރި ދަރިވަރަކީމެވެ. ދިރިއުޅެންޖެހިފައިވަނީ ދޮންމަންމައަކާއިއެކުގައެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަވެސް ބައްޕައަކީ އެންމެ ކުޑަމިނުން އަޅުގަނޑު ދައްކާ ވާހަކަ އަޑުއަހަންވެސް ބޭނުންވާ މީހެއް ނޫނެވެ.  
ވަޒީފާއަކަށް އެދި ތަންތަނަށް ސީވީ ހުށަހަޅަމެވެ. ނަމަވެސް ވަޒީފާއެއް ލިބޭނެ ގޮތެއްނުވެގެން އެކަމުގެ ކަންބޮޑުވުމުގައި ހުއްޓައި މެސެޖްކުރި މީހަކަށް ގުޅުމުން ބުނީ މަހަކު 15،000 ރުފިޔާ ލިބޭ ވަޒިފާއެއް ހަމަޖައްސައިދީފާނެ ކަމަށާއި ނަމަވެސް 1000 ރުފިޔާދޭންޖެހޭނެ ކަމަށެވެ.  
އަޅުގަނޑުގެ އަތުގައި އެއްވެސް ފައިސާއެއް ނެތުމުން އެކުވެރިއެއްގެ އަތުން ދަރަންޏަށް ފައިސާނަގާފައި އޭނާއގެ އެކައުންޓަށް 1000 ރުފިޔާ ފޮނުވުމުން ބުނީ އަނެއް ދުވަހު ހެނދުނު 10 ޖަހާއިރު ފުޑްކޯޓު ކުރިމައްޗަށް އައިސް މިސްކިތްކައިރީގައި މަޑުކޮށްލައިގެން ހުރުމަށެވެ.  
ވަރަށް އުންމީދާއިއެކު ގޮސް އެތަނުގައި ހުންނަތާ ގަޑިއެއްގެވީއިރުވެސް އެމީހާ ނައުމުން ވަރަށް ދެރަވިއެވެ. ފޯނަށް ގުޅިއިރު އޮތީ ނިއްވާލައިފައެވެ. ވީމާ އެއީ މަކަރުވެރިއެއްކަން ވިސްނުނެވެ. ނަމަވެސް އެނބުރިދާނެ ހިތްވަރުވެސް ނެތުމުން އެތަނުގައި މަޑުކޮށްގެން ހުރީމެވެ.  
އެހެން ހުއްޓައި މެންދުރުވެ ބަންގިގޮވުމުން ގިނަ ބައަކު ނަމާދަށް އެރިއެވެ. ނަމާދު ނިމިގެން ފޭބި މީހުންގެ ތެރެއިން މީހަކު އަޅުގަނޑަށް އިޝާރާތްކޮށްލުމުން ދިއައިމެވެ. އޭނާބުނީ ނަމާށދަށް އެރިއިރުވެސް އަޅުގަނޑު އެތަނުގައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންވެ މިހައި ގިނައިރު ތިއަހުންނަނީ ކީއްވެގެންކަން ބުނެދިނުމަށެވެ.  
އޭނާގެ ހިތްހެޔޮކަމަށް ބަލައި ކަންހިނގައިގެން އުޅޭގޮތް ކިޔައިދިނީމެވެ. ބުނީމެވެ. "އަޅުގަނޑަކީ ނިކަމެތި ނަމަވެސް ތަޤްވާވެރިއަކީމެވެ. އަޅުގަނޑު ކޮންމެ ކަމެއްވެސް ކުރަނީ އިސްތިޚާރާކޮށްފައެވެ. ފައިސާ ފޮނުވީވެސް އަދި މިތަނަށް އައީވެސް އިސްތިޚާރާކޮށްފައެވެ. އެނބުރި ނުދާން މިހުރެވެނީ ކޮންމެވެސް ރަނގަޅު ގޮތެއް މެދުވެރިވާނެ ކަމުގެ ޔަޤީންކަމުގައެވެ."  
ޒުވާނާ އޭނާގެ އެޑްރެސްކާޑުދީފައި ބުނީ އޮފީސް މާދުރުނޫން ކަމަށާއި އެތަނަށް ގޮސް އޭނާއާއި ބައްދަލުކުރުމަށެވެ. އެހެންބުނެފައި ސައިކަލަށް އަރައިގެން ދިއުމުން އަޅުގަނޑުވެސް ހިނގައިގަތީމެވެ.  
ކުރުކޮށްލާނަމެވެ. އޭނާ އަޅުގަނޑަށް ވަޒީފާއެއް ދިނެވެ. މަހަކު 12،000 ރުފިޔާ ލިބޭ ވަޒީފާއެކެވެ. އެވަޒީފާގައި މަސައްކަތްކުރަން ފެށީމެވެ. މިހާރު 3 އަހަރުވީއެވެ. މިއަދު އަޅުގަނޑަކީ އޭބނާއަށްވުރެ 1 އަހަރު ދޮށި އޭނާގެ ބޭބެގެ އަނބިމީހާއެވެ. ދިރިއުޅެނީ ވަރަށް ލޯބިންނެވެ.  
މިއަދުނޫހުގައި ޝާއިޢުކުރާ ދީނީ ލިޔުންތައް އަޅުގަނޑު ކިޔަމެވެ. އިސްތިޚާރާކުރުމާއިބެހޭގޮތުން ލިޔެފައި ހުންނަ ލިޔުންތައްވެސް ކިޔަމެވެ. މަކަރުހަދާ މީހުންގެ ޚަބަރުތައްވެސް ކިޔަމެވެ. ވީމާ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި މިކަންތައް ޙިއްޞާކޮށްމިލީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަސްވާނެކަމަށެވެ.
 
- ކައުޘަރު / މިއަދުނޫހުގެ ކިޔުންތެރިއެއް
 
-- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ