ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައި ދައުރު ފުރިހަމަކުރި ނައިބު ރައީސުންނަށް އިނާޔަތް ދޭން ފާސްކޮށްފި

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު ދައުލަތުން މަހަކު ދޭ 175،000ރ. އުނިކޮށް، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.  
މަޖިލީހުން އެ ބިލަށް ބަދަލުތަކެއް ނުގެނެސް މިއަދު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.
ތަފްސީލު - އެ ގާނޫނު ކުރިން އޮންނަ ގޮތުން ދެ ދައުރަށްވުރެ ކުރު މުއްދަތަކަށް ވެރިކަންކުރެއްވި، ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:
މާލީ އިނާޔަތް: 50،000ރ.
ދިރިއުޅޭނެ ތަނުގެ ހަރަދަށް: 50،000ރ.
އޮފީސް ހިންގުމުގެ ހަރަދަށް: 175،000ރ.
އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާ ކުރައްވާ ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި ދެނީ، ގާނޫނުގައިވާ ގޮތުން 75،000ރ. އެވެ. އެ އިނާޔަތް ލިބެނީ ހަމައެކަނި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.
މިއަދު ފާސްކުރީ އޭގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދަށް ހިމަނާފައިވާ 175،000ރ. ބަޔާންކުރާ ބައި ގާނޫނުން އުވާލުމަށެވެ.
ގާނޫނުގައި މިހާރު ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމެއް ނޯވެ އެވެ. އެގޮތުން:
ސަރުކާރުން ހުށަހެޅީ ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް މަހަކު 25،000ރ.ގެ މާލީ އިނާޔަތެއް ދިނުމަށް 
ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުން ވެސް ހިމަނާފައިވޭ
އެ ބޭފުޅުންގެ ދައުރު ތެރޭ ކުރެއްވި ކަމުން ކުށެއް ސާބިތުވެއްޖެ ނަމަ، އެ އިނާޔަތާއި ދައުލަތުން ދޭ ރައްކާތެރިކަން ކަނޑާލެވޭނެ ކަމަށް ވެސް އިސްލާހުގައި ހިމަނާފައިވޭ
މިއަށް އަމަލު ކުރަން ފެށުން އޮތީ، ބިލު ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
މި އިސްލާހުގައި "ނައިބު ރައީސްކަންކޮށްފައިވާ މީހާ" މާނަކޮށްފައިވަނީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި ނައިބު ރައީސްގެ މަގާމުގެ ދައުރު ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ހަ ނައިބު ރައީސުން މަގާމު އަދާކުރައްވައިފި އެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވީ، މިދިޔަ ވެރިކަމުގައި އެ މަގާމު އަދާ ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.
އެހެންވެ، މި އިނާޔަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިސަލް އަށެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ކުރީގެ ރައީސަކު ދައުލަތުގެ މާގަމެއް އަދާ ކުރެއްވިޔަސް، އެ ބޭފުޅަކަށް ގާނޫނުގެ ދަށުން ލިބޭ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ. އެ އިނާޔަތް ނެގުމަކީ އެ ބޭފުޅެއްގެ އިހްތިޔާރުގައި އޮންނަ ކަމެކެވެ.
ސަރުކާރުން ދެން މި އިސްލާހުގައި ގެންނަ އަނެއް ބޮޑު ބަދަލަކީ އެގޮތަށް ކުރީގެ ރައީސުން ދައުލަތުގެ އިތުރު މަގާމެއް ފުރުއްވާ ނަމަ، އެ މަގާމު ފުރުއްވާ މުއްދަތުގައި މި އިނާޔަތްތައް ނުލިބޭ ގޮތަށް ހެދުމަށެވެ.
ނައިބު ރައީސުންނަށް ދޭން ހުށަހެޅި 25،000ރ.ގެ އިނާޔަތް ވެސް އެ ބޭފުޅަކު ދައުލަތުގެ އިތުރު މަގާމެއް އަދާ ކުރައްވާ މުއްދަތުގައި ނުލިބޭ ގޮތަށް ހެދުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ