ދައުލަތަށް ހިޔާނާތްތެރިވެފައި ތިބޭ މީހުން ބޭރު ގައުމުތަކުގައި އުފަލުގައި އުޅެނީ ސަރުކާރުން މަގުފަހިކޮށްދޭތީ: ކުޑޫ ދައުލަތަށް ހިޔާނާތްތެރިވެފައި ތިބޭ މީހުން ބޭރު ގައުމުތަކުގައި އުފަލުގައި އުޅެނީ ސަރުކާރުން މަގުފަހިކޮށްދޭތީ: ކުޑޫ

ދައުލަތުގެ އެތައް މިލިއަން ފައިސާއަކަށް ހިޔާނާތްތެރިވެފައި ތިބޭ މީހުން ރާއްޖެއިން ބޭރު ގައުމުތަކުގައި އުފަލުގައި ދިރިއުޅެނީ ސަރުކާރުން އެ މަގު އެ މީހުންނަށް ފަހިކޮށްދޭތީ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ކުޑޫ ވިދާޅުވީ ރިހާކުރުފުޅިއެއް ވަގަށް ނެގި މީހާއަށް ބޮޑު އަދަބު ލިބުނު ވާހަކަ ރައްޔިތުން ދެއްކުމަކީ ޖޯކެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށާއި ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ މަލާމާތެއް ކަމަށް ކުޑޫ ވިދާޅުވި އެވެ.
"ދައުލަތުގެ ފައިސާއިން މިލިއަނުން ހިޔާނާތްތެރިވާ މީހުން އަވައްޓެރި ގައުމުތަކުގައި ބޮޑެތި އެޕާޓުމެންޓުތައް ހިފައިގެން އުފަލުގައި އުޅެމުން ދަނީ، އެއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އަންނަން ހުރި ފައިސާއަށް ހިޔާނާތްތެރިވެފައިވާ މީހުން. މިއީ ލަދުވެތި ހުތުރު އަމަލެއް އިނގޭތޯ؟" ކުޑޫ ވިދާޅުވި އެވެ.
"މިކަން މި ގޮތަށް މި ކުރަނީ ސަރުކާރުން އެފަދަ ޖާގަ، އެ މީހުންނަށް މަގު ފަހިކޮށްދޭތީ، އަޅުގަނޑުމެން ކުރާނެކަމެއް ނެތް، ދާނެ ތަނެއް ނެތް. މިއީ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް."
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވި ނަމަވެސް، ކަން ހިނގަނީ އެގޮތަށް ނޫން ކަމަށެވެ.
ރާއްޖޭގައި ކަންކަން އޮތީ ބާރުގަދަ މީހަކާ ނުގުޅި އިންސާފު ނުލިބޭ ހާލަތުގައި ކަމަށާއި އެއީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެ ތިބެ ދިވެހީން ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރި މީހާ ރުހޭ، ކޮންމެފަދަ ކަމެއް ކުރިޔަސް އެއީ މިނިވަނެއް، ނުރުހޭ މީހާ ސައިކަލު މަޑިދަށުން އެއްޗެއް ނަގައިގެން ވެސް ގޮސް މި އިންނަން ޖެހެނީ ހައްޔަރުގައި. މި ހުންނަނީ ހިތާމަވެރި ކަންކަން،" ކުޑޫ ވިދާޅުވި އެވެ.
ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރާއިރު، އެ މީހުންގެ ތެރެއިން ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުންގެ ފޮޓޯ މުއައްސަސާތަކުގެ ވެބްސައިޓުން ޑިލީޓުވެގެންދާކަން އެއީ ފެންނަ ހަގީގަތް ކަމަށް ކުޑޫ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ހަ ބޭފުޅުން މި ވަގުތު ވެސް ދުނިޔޭގައި އެބަތިއްބެވި ކަމަށާއި އޭގެތެރެއިން އެއްވެސް ބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވަނީ ކަންތައްތަކެއް އެ ބޭފުޅުން ކޮށް ނުދެއްވާތީ ނޫން ކަމަށް ކުޑޫ ވިދާޅުވި އެވެ.
ބައެއް ވެރިން ކޮށްދެއްވި ކަންކަމުގެ މިސާލު ދެއްކެވުމަށްފަހު ކުޑޫ ވިދާޅުވީ އެ ހުރިހާ ވެރިންނަށް ވެސް ރައްޔިތުން ނޫނެކޭ ބުނީ އަދުލު އިންސާފު ގާއިމު ނުކުރެވުމުން ކަމަށެވެ. އަދި މިހާރު މި ހިނގާ ވެރިކަމުގައި ވެސް އަދުލު އިންސާފުން ކަންކަން ނުހިނގާ ނަމަ ރައްޔިތުން ދެވަނަ ދައުރެއް ނުދޭނެކަން ތާރީހުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ