އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ ފައިސާ ކަނޑާލަން ފާސްކޮށްފި
އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އައި 175،000 ރުފިޔާ ކަނޑާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.މަޖިލީހުން އެ ބިލަށް ބަދަލުތަކެއް ނުގެނެސް މިއަދު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ މާއްދާ އުވާލާށެވެ. އެހެންވެ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާހު ފާސްވެއްޖެ ނަމަ އުވޭނެ އެވެ.ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަަމަށް އިސްލާހުގައި ވެ އެވެ. އެކަމަކު އެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.އަދި، ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން އިސްލާހުގައިވަނީ ހިމަނާފައެވެ. އެއީ، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ އަދި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެ އެވެ.އެކަމަކު، ކުރީގެ ނައިބު ރައީސުންގެ ތެރެއިން އެ އިނާޔަތް ލިބިވަޑައިގަންނަވާނީ އެންމެ ފަހުން އެ މަގާމު ފުރުއްވި ފައިސަލް ނަސީމަށް އެކަންޏެވެ. އެެއީ ގާނޫނުގެ ދަށުން އިނާޔަތް ލިބޭނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ނައިބު ރައީސުންނަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައި ވާތީ އެވެ.މިއަށް އަމަލު ކުރަން ފެށުން އޮތީ، ބިލު ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ