މެޑްރިޑް (ޑިސެމްބަރު 1) - ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ 1-1 އިން އެއްވަރުވެ، ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
ރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު އޮތް ރެއާލުން އެއްވަރުވިއިރު، މިއީ ޖެހިޖެހިގެން ލީގުގައި އެ ޓީމު އެއްވަރުވި ތިން ވަނަ މެޗެވެ. ބާސެލޯނާ އިން އެއް ވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތް ރެއާލަަށް 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. އަދި، ތިން ވަނައިގައި އޮތް ވިޔަރެއާލަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ 14 މެޗުން 31 ޕޮއިންޓް ހޯދައިފަ އެވެ.
ޖިރޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 38 ވަނަ މިނިޓްގައި ރެއާލްގެ އެޑާ މިލިޓާއޯ ބޮލުން ޖެހި ބޯޅަ ޖިރޯނާ ކީޕަރު ޕައޮލޯ ގަޒަނީގާ ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން، ކީލިއަން އެމްބާޕޭ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އެމްބާޕޭ އަތުން ބޯޅަ ކޮންޓްރޯލް ކޮށްފައިވާތީވެ، އެ ގޯލު ބަލައިނުގަންނަ ކަމަށެވެ.
މެޗުގެ 44 ވަނަ މިނިޓްގައި، ޖިރޯނާ އިން ލީޑުނެގީ އޭރިއާތެެރެއިން އެ ޓީމުގެ އަޒެދީން އުނާހީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލުންނެވެ.
ރެއާލަށް މެޗުގެ 60 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ވިނީޝިއުސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން އެމްބާޕޭ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ފަހު މިނިޓްގައި، އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޖިރޯނާއާ އެއްވަރުވެ ރެއާލުން ފުރުސަތު ނަގާލައިފި ޖިރޯނާއާ އެއްވަރުވެ ރެއާލުން ފުރުސަތު ނަގާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ