ކަތުމަންޑޫ، ނޭޕާލް (ސެޕްޓެމްބަރު 12) - ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ސަރުކާރުގެ ވެރިންގެ ތެރޭގައި، ކޮރަޕްޝަން އާންމުވެފައިވާ މައްސަލައާ ގުޅިގެން، ޒުވާނުން ނުކުމެ ކުރަން ފެށި މުޒާހަރާއިގައި އެ ގައުމުގެ ސަރުކާރު ވައްޓާލިއިރު، ވެރިރަށް ކަތުމަންޑޫގެ މަގުުތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
މަގުތައް ސާފުކުރަން ގިނަ ބަޔަކު ނުކުތްއިރު، އޭގެ ތެރޭގައި، ނޭޕާލް ގައުމީ ޓީމަށް 15 އަށް ވުރެ ގިނަ އަހަރު ކުޅެދިން، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު، ކިރަން ކުމާރު ލިމްބޫ، 35، ހިމެނެ އެެވެ.
ނޭޕާލުގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން، 17 މީހުން މަރުވިއިރު، ސަރުކާރުގެ އެކި އޮފިޝަލުންނާއި އާއިލާ މެމްބަރުންނަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އެ ގައުމުގެ ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ޖަލުތަކުން، 13،500 ގައިދީން ވަނީ ފިލައިފަ އެވެ.
ހަމަނުޖެހުންތައް މަޑުޖެހި، މިހާރު ނޭޕާލުގެ ގިނަ ރައްޔިތުންނެއް އަންނަނީ، ލިބިފައިވާ ގެއްލުންތަކުން އަރައިގަންނަން މަޑުމަޑުން ހަރަކާތްތެރިވަމުންނެވެ. އެ ގޮތުން، މަގުތައް ސާފުކުރަން ގިނަ ބަޔަކު ނުކުތްއިރު، މީޑިއާގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ، ދާދި ފަހުން، ބަންގްލަދޭޝްގެ ކްލަބަކަށް ސޮއިކުރި، ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން މި ކަމުގައި ބައިވެރިވުމެވެ.
ބަންގްލަދޭޝްގެ ޕޮލިސް ޓީމާ ދާދި ފަހުން ގުޅުނު، ކިރަން ވަނީ، އިންޑިއާގެ ކްލަބްތަކާއި ރާއްޖޭގެ ޓީމުތަކަށް ކުޅެފަ އެވެ. ކިރަން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ދެ ފަހަރު އަދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުޅެފަ އެވެ.
ނޭޕާލް ގައުމީ ޓީމަށް 2008 ވަނަ އަހަރު ކުޅެން ފެށި ކިރަން ވަނީ އެ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީ، ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދައިފަ އެވެ.
ނޭޕާލްގެ ކީޕަރު ކިރަން އާންމުންނަށް އެހީވާން ނިކުމެއްޖެ ނޭޕާލްގެ ކީޕަރު ކިރަން އާންމުންނަށް އެހީވާން ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ