ހާރިޖީ ހަލީލަށް: ވަހީދު ބާރުތައް ޖަހައިގަތީތަ!

ނުބެހޭ ކަންކަމާބެހި ސިޔާސީ ޖަޒުބާތުގައި އަނގަދިޔާކުރާ ހާރިޖީ ވަޒީރު ހަލީލަކީ ވަގުތު ގިނަވެގެން ކުރާނެ ކަމެއް ނެތިގެން އުޅޭ ހަމަހުރި ބޮލަކީތާއެވެ. ޑރ. ވަހީދު އެޑްވައިޒަރކަމާ ހަވާލުވެ ހަލީލުގެ ޒިންމާތައް ޖަހައިގަތީ ތޯއްޗެކެވެ. ވަހީދަކީ ކާޅެއްހެން މީހުންގެ އަތުގައި އޮންނަ ބާރުތައް ޖަހައިގަންނަން ނިކަން ފަރިތަ މީހެއްކަން ހަލީލަށް ވެސް ރަނގަޅަށް އެނގޭނެއެވެ.
ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ އެތެރޭގެ އޮޕަރޭޝަނެއްގައި ހިފާ ހައްޔަރުކުރާ މީހުންގެ ކަންކަން ބަލާ އެކަންކަމުގެ ދިފާއުގައި ހުތުބާވަރުގެ ޓްވީޓް ލިޔާކަށް ވަގުތެއް ހާރިޖީ ވަޒީރަކަށް ނުއޮންނާނެއެވެ. ހާރިޖީ ކަންކަމާ ހަވާލުވެ ހުންނަ މީހަކު ދާހިލީ ކަންކަމަށް ވަގުތުދެވޭ ވަރަށްވުރެ މަސައްކަތް ގިނަވެފައި ބުރަވާނެއެވެ. އެކަމަކު ރާއްޖޭގެ ހާރިޖީ ވަޒީރު ހަލީލު ތަފާތެވެ. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ހުސައިން ހަސަނަށް ހައްގަކާނުލާ އަނިޔާކޮށް އިހާނެތިކޮށް ހައްޔަރު ކުރުމުން އޭނާގެ ދިފާއުގައި އަޑުއުފުލުން ގާނޫނީ ގޮތުން ހަލީލަށް ކުށަކަށް ވާގޮތެއް ނޭގެއެވެ. އާއްމުތަނެއްގައި ކުށުގެވެށި ވަކި ނުވާގޮތަށް ހާމަކަން ބޮޑުކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ފޮޓޯ ނެގުން ކުށަކަށް ހަދައިގެންނާއި ނެގި ފޮޓޯ ފުހެނުލައިގެން އަނިޔާވެރި ރަހުމުކުޑަ ގޮތަކަށް ހުސައިން ހަސަން ފުލުހުން ހިފާ ހައްޔަރު ކުރީމާ އެކަމާ ދެކޮޅަށް ކުރީގެ ރައީސް ސޯލިހު އަޑު އުފުއްލެވުމަކީ ރާއްޖޭގެ ހާރިޖީ ވަޒީރަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. 
ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއަށް ހުސައިން ހަސަން ވަދެގަތް ކަމަށާއި ސީން ހަލާކު ކުރުމަށް މަސައްކަތް ކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ކަނޑައަޅަން ހަލީލަށް އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ. މުއްދަތު މަޖިލީހުން ހުސައިންގެ ބަންދު ކުރުމަށް މުއްދަތު ޖަހާ ނުދިނުމުންވެސް ފުލުހުންނާއި ސަރުކާރުން ކުރާ ދައުވާގެ ބާތިލުކަން އެވަނީ ސާބިތުވެފައެވެ. 
ސަރުކާރުން ޖައްސަން އުޅޭ ކުލައެއް ކޮންމެ ކަމެއްގައި ނުޖެއްސޭނެކަން ހަލީލުމެނަށް ނުވިސްނޭތީ ދެރައެވެ. ވެރިކަމުގެ އާރާއި ބާރާއި ގާނޫނީ ހުކޫމަތުގެ ބޭނުން ހިފައިގެން ސަރުކާރުން ބޭނުންވާހާ ކަމެއް ބޭނުންހާ ގޮތަކަށް ނުކުރެވޭނެއެވެ. ކޮންމެ ކަމެއްގައި ސިޔާސީ ހަސަދައިން ފޯވެހުރެ ސަރުކާރުގެ ވެރިން ކުރާ ކަންކަމާއި ދައްކާ ވާހަކައިން ބަރަހަނާވެ ފޮރުވައިގެން އުޅޭ ނުބައި ހަސީލަތް ހާމަވުން ނޫންކަމެއް ނުވެއެވެ. 
ގައުމުގެ ކޮންމެ ކަމެއް ކޮންމެހެނެއް އޮތަސް ސަރުކާރަށް ފާޑެއް ކިޔައިފިއްޔާ އެއަށް ރައްދު ދިނުމަކީ ވަޒީރުންގެ ޒިންމާއަކީވެސް ތޯއްޗެކެވެ. ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން މީހަކު ބުނާ އެއްޗަކަށް ރައްދުދީ ޖަދަލުކުރުން ނޫންކަމެއް ވަޒީރުންނަށް ނޯންނަނީތާއެވެ. ރާއްޖޭގެ ކަންކަން ހިނގަގޮތުން ހާރިޖީ ވަޒީރެއް ދާހިލީ ވަޒީރެއް، އެގަހު ކޭލެއް މިގަހު ކޭލެއް މިހާރަކު ވަތްކެއް ވަނީއެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ