ހުއްދަ ނެތި އައިޝްވާރިއާގެ ނަމާއި ފޮޓޯ ބޭނުންކުރުން މަނާކޮށްފި
އިންޑިއާގެ މަގުބޫލު ބަތަލާ އައިޝްވާރިއާ ރާއީގެ ހުއްދަ ނެތި ބަތަލާގެ ފޮޓޯއާއި ވީޑިއޯ އަދި ނަން ވިޔަފާރި އުސޫލުން ބޭނުންކުރާ މައްސަލައެއް މިދިޔަ ހަފުތާ ތެރޭގައި ވަނީ ނިއު ދިއްލީގެ ހައިކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ދިއްލީގެ ހައިކޯޓުން ވަނީ ބަތަލާގެ ހުއްދަ ނެތި އައިޝްވާރިއާގެ ތަސްވީރާއި ސިފަ ނުވަތަ އެ ނޫން ވެސް ޒާތީ މައުލޫމާތު ބޭނުންކުރުން މަނާކޮށް، ބަތަލާއަށް ވަގުތީގޮތުން ހިމާޔަތްދީފައެވެ. ދިއްލީ ހައިކޯޓުގެ ފަނޑިޔާރު ތޭޖަސް ކާރިއާ ނެރުއްވި އަމުރުގައި ވަނީ، ހުއްދަނެތި އައިޝްވާރިއާގެ ނަމާއި ތަސްވީރުތައް ބޭނުންކޮށްގެން އޭގެ ނާޖައިޒު ފައިދާ ނެގުމަކީ، ބަތަލާގެ ޝަހުސިއްޔަތުގެ ހައްގުތައް ނިގުޅައިގަތުމުގެ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. ހަމައެއާއެކު އާޓިފިޝަލް އިންޓެލިޖެންސް، ޖެނެރޭޓިވް އޭއައި، ފޭސް މޯފިން، ޑީޕްފޭކް އަދި މެޝިން ލާނިންފަދަ ވަސީލަތްތައް ބޭނުންކޮށްގެން ވެސް އައިޝްވާރިޔާގެ ފޮޓޯތަކާއި ވީޑިއޯތައް އުފެއްދުން މަނާކޮށްފައިވާކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ. އައިޝްވާރްޔާ ރާއީ ފިރިމީހާ އެކްޓަރު އަބިޝޭކް ބައްޗަންއާ އެކު--ފޮޓޯ/ފިލްމުފެއަ އައިޝްވާރިއާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރޭ، ހުއްދަނެތި ވިޔަފާރީގެ ފައިދާ ނެގުމުގެ ތުހުމަތުގައި ބަތަލާގެ އައިޑެންޓިޓީގެ ނާޖާއިޒު ފައިދާ ނެގިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓެއް ވެސް ހިމެނެއެވެ. ހައިކޯޓުގެ ފަރާތުން އެ މައްސަލައިގެ ނޯޓިސް ދޫކުރާތާ 72 ގަޑިއިރު ތެރޭ މައްސަލައާ ގުޅުންހުރި ވެބްސައިޓުތަކުގެ ޔޫއާރްއެލް ބްލޮކް ކުރުމަށް ގޫގުލް އެލްއެލްސީއަށް ވަނީ އަންގާފައެވެ. އިންޑިއާގެ އެންމެ އަގުބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ އައިޝްވާރިޔާ ރާއީގެ ފޮޓޯތަކާއި ނަން ހުއްދަނެތި ބޭނުންކުރަމުން އަންނައިރު ކޮންމެ ވެސް ބަޔަކު އަންނަނީ 'އައިޝްވާރިއާ ނޭޝަން ވެލްތު'ގެ ނަމުގައި ކުންފުންޏެއް ވެސް ހިންގަމުންނެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހުށަހެޅި މި މައްސަލައިގެ ފުރިހަމަ އަޑުއެހުންތައް އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 15ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ