މަދު ކަމަކު ނޫނީ ބޭރަށް ދާން ނުޖެހޭ ވަރަށް ސިއްހީ ދާއިރާ އަންނަ އަހަރު ތަރައްގީވާނެ: ރައީސް

އަންނަ އަހަރުގެ ބަޖެޓްގައި ހަމަޖެހިފައިވާ ސިއްހީ ދާއިރާގެ މަޝްރޫއުތައް ނިމުމުން، މަދު ފަރުވާއަކަށް ނޫނީ ބޭރަށް ދާން ނުޖެހޭ ވަރަށް ރާއްޖޭގެ ސިއްހީ ދާއިރާ މަތީ ފެންވަރަަކަށް ދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އަންނަ އަހަރުގެ ބަޖެޓް ސަރުކާރުން ސިފަކޮށްފައިވަނީ ވެސް ސިއްހީ ދާއިރާއަށް ހާއްސަ ބަޖެޓެއް ގޮތަށެވެ. ސިއްހީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓްގައި 830 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.  އެއީ:
މަޝްރޫއުތަަކަށް 500 މިލިއަން ރުފިޔާ
ހަރަކާތްތަކަށް 330 މިލިއަން ރުފިޔާ
އަންނަ އަހަރުގެ އެ ބަޖެޓް ތަންފީޒުވުމުން، ސިއްހީ ގިނަ ހިދުމަތްތަކާއި ބޭސްފަރުވާ ރާއްޖޭން ނުލިބި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ރައީސް ވިދާޅުވީ ރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ހަފުލާގެ ތެރެއިންނެވެ.
ތަފްސީލް - ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މިހާތަނަށް ހާސިލްވި ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުތަކުގައި އެންމެ ބޮޑު އިހުމާލެއް އޮތީ ސިއްހީ ދާއިރާއަށް ކަމަށެވެ.
"އަޅުގަނޑުމެން ރަށްރަށް ދިއުމުން ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް، ޝަކުވާއެއް އައި ކަމަކީ ވެސް ސިއްހީ ދާއިރާ ނެގްލެކްޓް [އިހުމާލުވެފައި] ކޮށްލާފައި އޮންނަ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ވަރަށް ގިނަ ސްޕެޝިއަލިޓީ ހިދުމަތްތައް ފެށުން ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ދިވެހި ރައްޔިތުން ވަރަށް މަދު ކަމެއްގައި މެނުވީ ރާއްޖޭން ބޭރަށް ސިއްހީ ފަރުވާއަށް، ޓްރީޓްމަންޓް ހޯދާކަށް ދާކަށް ނުޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ބަޖެޓްގެ ތެރެއިން ތަންފީޒުވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
ފަސް ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅައި އެއިން ކޮންމެ ރަށެއްގެ ޓާޝަރީ ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތް ލިބުން
ސީޓީ ސްކޭންގެ ހިދުމަތް، ތަކެތި އޯޑަރުކޮށްގެން އެންމެ ފެންވަރު މަތިކޮށް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި ގާއިމުވާނެ
މި އަހަރު ނިޔަލަށް 60 ރަށަކަށް އެމްބިއުލާންސް ގެންނާނެ' ގިނަ ސީއެމްބިއުލާންސްތައް ބޭނުން ނުކުރެވޭ ވަރު ވެފައި ވުމުން، މުޅިން އާ 10 ސީއެމްބިއުލާންސް ގެންނަނީ 
އެއާ އެމްބިއުލާންސްގެ ހިދުމަތް ތައިލެންޑާއި ދުބާއީއަށް ފުޅާވާނެ
އެންމެ ކުޑަ ރަށުގައި ވެސް ލެބޯޓަރީ ހިދުމަތް ލިބެން ހުންނާނެ  ކޮންމެ ރަށެއްގައި ވެސް އަޕްގްރޭޑްކުރެވިފައި ހުރި، މަރާމާތުކުރެވިފައި ހުރި ސިއްހީ މަރުކަޒެއް ހުންނާނެ
އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލީގެ ހިދުމަތްތަކަށް އާސަންދަ ކަވަރު ވާނެ
"މި އަންނަ އަހަރު ހުރިހާ މަޝްރޫއުތަކެއް އެއްކޮށް ނިމި، މުޅި ރާއްޖޭގެ ސިއްހީ ދާއިރާ، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން މަތީ ފެންވަރަކަށް ގެންގޮސްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ