ޕޯޗުގަލްއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތާ ގުޅިގެން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ރާވާފައިވާކަން ޕޯޗުގަލް އިން އިއުލާންކޮށްފިއެވެ. ޕޯޗުގަލްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނު ދައުލަތް ބަލައިގަންނަ ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު ކަމަށެވެ. އެއީ ފަލަސްތީނުގެ ދައުލަތެއް އޮތުމާ ބެހޭ ގޮތުން އދ ގެ އާންމު މަޖިލީހުގެ (ޔޫއެންޖީއޭ) ގެ ކޮންފަރެންސް ބާއްވާ ދުވަހުގެ އެއް ދުވަސް ކުރިއެވެ. ޕޯޗުގަލްގެ ކޮރެއޯ ޑަ މަންހާ ނޫހުގައި ބުނެފައިވާ ގޮތުގައި އެގައުމުގެ ކަނާތު ފިޔައިގެ ބޮޑުވަޒީރު ލުއިސް މޮންޓެނީގްރޯ ވަނީ އެ ނިންމުން ފައިނަލް ކުރުމުގެ ކުރިން ރައީސާއި ގާނޫނު ހަދާ މަޖިލީހާއި މަޝްވަރާކޮށްފައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ ހުށަހެޅުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހށް ފުރަތަމަ ހުށަހެޅީ 2011 ވަނަ އަހަރުއެވެ. ޕޯޗުގަލް ސަރުކާރުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ ޖުލައި މަހުއެވެ. އޮސްޓްރޭލިއާ، ބެލްޖިއަމް، ލަކްޒަމްބާގް، މޯލްޓާ އަދި ސެން މެރީނޯ އިން ފްރާންސްއާ އެކު ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ރާވާފައިވާ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ މުޝީރު އެންޑްރޯ ވަނީ ވިދާޅުވެފައެވެ. އޭގެއިތުރުން ކެނެޑާއާއި އޮސްޓްރޭލިއާއިން ވެސް ވަނީ ފަލަސްތީނު ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފައެވެ. އެއާއެކު ފަލަސްތީނުގެ ދައުލަތް 147 ގައުމަކުން ބަލައިގަންނާނެއެވެ. އެއީ އދ ގެ 75 ޕަސަންޓެވެ. ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ކުރި މުޒާހަރާއެއްގައި 'މިނިވަން ފަލަސްތީން' ލިޔެފައިވާ ބެނާއެއް މީހުން ހިފައިގެން. ފޮޓޯ/އޭޕީ އެމެރިކާއިން ވިސާ ނުދިނުމުން، ޔޫއެންޖީއޭގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ގެއްލިފައިވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ނިއުޔޯކުގައި ޔޫއެންޖީއޭގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިނުމަށް ހުކުރު ދުވަހު ވޯޓު ދިން 145 ގައުމުގެ ތެރޭގައިވެސް ޕޯޗުގަލް ހިމެނެއެވެ. ފަލަސްތީނު ދައުލަތް ބަލައިގަންނަ ގައުމުތަކަށް އިސްރާއީލާއި އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ފްރާންސުން ފަލަސްތީނު ދައުލަތެއް ބަލައިގަތުމަށް ނިންމި ނިންމުމަކީ ފަރުވާކުޑަ ނިންމުމެއް ކަމަށާއި އެއީ ހަމާސްގެ ޕްރޮޕެގެންޑާއަށް ޚިދުމަތް ކުރުން ކަމުގައި ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ