ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ބޮޑުބައްޔެއްވުމުން ބޭސްފަރުވާކުރާނެ ފައިސާ ހޯދަން ހަށިގަނޑުން މާގިނައިން ލޭވިއްކުމުން ކެންސަރު ޖެހުނު އަންހެކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އެއީ ވަރަށް ޢާދައިގެ ފެންވަރެއްގައި އުޅެމުން ލީބުން ގުޅުނު ދެމީހުންނެވެ. ކައިވެނިކޮށް ދިރިއުޅެން ފެށިތަނާހެން ފިރިމީހާއަށް ތަނަވަސްކަން ލިބެމުން އައި އަމިއްލަ ފައިމައްޗަށް ތެދުވެވިއްޖެއެވެ. 
ދުވަސްކޮޅަކު އުފަލުގައި އުޅެވުނުތަނާ ފިރިމީހާ ބަލިވާން ފަށައިފިއެވެ. ބަލީގެ ޙަޤީޤަތެއް ނުހޯދުނެވެ. ބޭހަށް ޚަރަދުކުރަމުން ގޮސް އަތްމަތި ހުސްވުމުން އަނބިމީހާ ފެށީ އޭނާގެ ލޭ ވިއްކާށެވެ. ލޭގެ ގްރޫޕަކީ ލިބުން އެންމެ ދަތި ގްރޫޕްކަމަށްވުމުން ފުދޭވަރަކަށް ފައިސާ ލިބެއެވެ. 
އެކަމުގެ ނަތީޖާއަކަށްވީ އަނބިމީހާގެ ގައިން ލޭމަދުވަމުންގޮސް ލޭގެ ކެންސަރުޖެހުމެވެ. ޑޮކްޓަރުން ބުނީ އެއީ މާއަވަސްއަހަށް ލޭނެދުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. ކެންސަރުޖެހުމުން ލޭވިއްކޭނެ ގޮތެއް ނުވިއެވެ. ފިރިމީހާއަށް އެހީތެރިވެދެވޭނެ ގޮތެއް ނެތުނީއެވެ. އަނބިމީހާ އެވަރުންވެސް އޭނާގެ ޙާލަތު ފިރިމީހާއަށް ނުއަންގައި ފިލީއެވެ.  
އެހިސާބުން ފިރިމީހާ އޭނާގެ ގެ ވިއްކާލައި ލިބުނު ފައިށާއިން ބޭސްކުރަން ފެށިއެވެ. ފިރިމީހާއަށް ޝިފާ ލިބިގެން އަލުން ދިރިއުޅެން ފަށައި ކުރި މަސައްކަތުން އަނެއްކާވެސް ތަނަވަސްކަން ލިބުނެވެ. ކައިވެނިކޮށް އުފަލުގައި ދިރިއުޅެން ފެށިއެވެ. އެއިރު ކުރީގެ އަނބިމީހާގެ މައްޗަށް ހިތުގައި އަނދަނީ އަލިފާނެވެ. އެއީ އެހައި ބަލިޙާލަތުގައި އޭނާ ދޫކޮށްލާފައި ދިއުމުންނެވެ. 
އަނބިމީހާ އެޙާލަތުގައި މަގުމަތީގައި އުޅެނިކޮށް ބައްދަލުވި މީހަކު ﷲ އަށްޓަކައި އޭނާއަށް އެހީތެރިވިއެވެ. އެމީހާ ޚަރަދުކޮށް ކުރި މަސައްކަތުން މަރުނުވެ ހުރެވިދާނެ ކަމުގެ އުންމީދެއް ލިބުނެވެ. އެހިސާބުން މައްސަލަ ކުރިމަތިވީ ބަލިވެއިންކަން އެނގުމުންނެވެ. ޙާލަތަކީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ކަމެކެވެ. ލުއިކޮށް ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. 
އަނބިމީހާއަށްވެސް ޝިފާ ލިބުނެވެ. ނަމަވެސް ފިރިމީހާ ހޯދަން މަސައްކަތެއް ނުކުރެއެވެ. އެއީ ޝިފާ ލިބުނުއިރު ފިރިމީހާ ހުރީ ކައިވެނިކޮށްގެންކަން އެނގޭތީއެވެ. ބައްދަލުވި މީހާ އޭނާއަށް އެހީތެރިވެދެމުން ދިއައީ އުޚުތަކަށް އެހީތެރިވާނެ ގޮތަށެވެ. 
10 އަހަރު ފަހެވެ. ހޮޓަލެއްގައި އޮތް ޕާޓީއަކުން ފިރިމީހާއަށް ކުރީގެ އަނބިމީހާ ފެނުނެވެ. ކައިރީގައި ދަރިއަކާއި ފިރިހެނަކު ހުއްޓައި ފެނުމުން އައި ރުޅި ކޮންޓްރޯލް ނުކުރެވިގެން ގޮސް އެންމެންގެ ތެރޭގައި ތިއައީ ދުނިޔޭގައި ހުރި އެންމެ ބޮޑު ބޭވަފާތެރިޔާ ކަމަށްވެސް ބުންޏެވެ. ބަލިޙާލުގައި އޮއްވައި ފިލީ ކައިރީގައި ހުރި މީހާ އާއި ހިތާވެގެން ކަމަށްވެސް ބުންޏެވެ. 
އހިސާބަށް ގެންދިއުމުން އަނބިމީހާ ވާހަކަދައްކަން ފެށިއެވެ. ކަންކަން ހިނގައި ދިއަގޮތް ކިޔައިދިނެވެ. އަދި ޔަޤީންނުކުރެވޭނަމަ ހޮސްޕިޓަލުން ރެކޯޑްތައް ބަލައިލުމަށްވެސް ބުންޏެވެ. އޭނާވެސް ފަރުވާކުރީ ފިރިމީހާވެސް ފަރުވާކުރި ހޮސްޕިޓަލުން ކަމަށްވާތީ ރިޕޯޓްތަކަށް އިތުބާރު ނުކުރަންވީ ސަބަބެއް އޮންނާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށްވެސް ބުންޏެވެ. ކައިރީގައި ހުރި މީހާގެ ޙަޤީޤަތްވެސް ކިޔައިދިނެވެ. "އަހުރެން އަދިވެސް މިއިނީ ކަލޭގެ އަންތބެއްގެ ގޮތުގައި. މިހަށިގަނޑުގައި ބީހިލި މީހަކު ނުހުންނާނެ!" ކަމަށްވެސް ބުންޏެވެ. 
ފިރިމީހާ ގަތްލަދާއިއެކު ވަޤުތުން ތަޅުމުގައި ދެކަކޫޖައްސައި ދެއަތްތިލަ ޖޯޑުކޮށް ދެމީހުންގެ ކިބައިން މާފަށް އެދުނެވެ. ދަރިފުޅާއި އަނބިމީހާ މިވަޤުތުން ފެށިގެން ބަލައިގަންނަން ތައްޔާރަށް ހުރިކަމަށްވެސް ބުންޏެވެ. އަނބިމީހާ ބުންޏެވެ. "ތިއައީ އަދި ިއަހައި ފަސޭހައިން ނިންމަން ރަނގަޅު ގޮތެއް ނޫނެވެ. އަންތބަކާއި ދަރިއަކު ހުރުމުން ފުރަތަމަ އަނބިމީހާ އާއި މަޝްވަރާކުރާށެވެ. އޭނާ ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރާށެވެ." 
އަނބިމީހާ އެދުނުފަދައިން އެވާހަކަ ދެވަނަ އަނބިމީހާގެ ގާތުގައި ދެއްކުމުން އޭނާ ދިއައީ ފުންމައިގެންނެވެ. ނަތީޖާއަކަށްވީ ދޮށީ އަނބިމީހާ ވަރިކުރަންޖެހުމެވެ. ވަރިކުރުމުން ދޮށީ އަނބިމީހާއަށް ލިބުނު އުފާވެރިކަން ކުޑައެއް ނުވިއެވެ. ޢިއްދަ ހަމަވިތަނާހެން އޭނާއަށް އެހީތެރިވެދިން މީހާ ކައިވެންޏަށް އެދުމުން ކައިވެނި ކައިވެނިކުރީއެވެ. އަނިޔާއަކަށްވީ ފިރިމީހާއަށެވެ. އެއީ ދޮށީ ދަރިފުޅާއި ނުލައި އުޅެންޖެހުމުންނެވެ. 
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިގައިދިއަ ގޮތެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީ ހަމަ އެންމެ ވާހަކައެއް ބުނެލުމަށެވެ. އެވާހަކައަކީ އަނބިމީހާކަމަށްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސް ކުރާ ކަންތަކުގެ ޙަޤީޤަތް އޮޅުން ނުފިލުވައި ރުޅިއައިސް ޙަސަދަވެރިނުވާށެވެ! ލޮލަށް ފެނުނު ގޮތާއި ކަމުގެ ޙަޤީޤަތް މިޙާދިސާގައި ަފަދައިން ވަރަށް ބޮޑަށް ތަފާތުވެދާނެއެވެ.
 
- ޝަފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ