ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި އޭނާގެ ލީޑާޝިޕްގެ މަސައްކަތްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތައުރީފުކުރައްވައިފި އެވެ.
ތޯރިގު އާއި ފީފާގެ ރައީސް، އިންފަންޓީނޯ، ބައްދަލުކުރެއްވި ފޮޓޯތަކެއް، މިރޭ އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރައްވައި، އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުމަގުން ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތަށް ހިތްވަރު ދެއްވައިފަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ ގިނަ މައްސަލަތަކެއް ފާހަގަވެ، ފީފާ އިން އޭނާ ސަސްޕެންޑްކޮށް، މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މަސައްކަތްތައް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނަ އެވެ. އަދި، މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، އެ ނޯމަލައިޒިން ކޮމިޓީން ވަނީ އިންތިހާބެއް ބާއްވައިފަ އެވެ.
އެ އިންތިހާބު ކާމިޔާބުކުރެއްވީ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގުގެ ޓީމުންނެވެ. ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާ އެކުގަ އެވެ.
އިންފަންޓީނޯ ވިދާޅުވީ، ތޯރިގުއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޮޕްމަންޓް ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ރާއްޖޭގެ ރައްޔިތުންނަށް ފުޓްބޯޅައިގެ ކުރިމަގު ރަނގަޅު ކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ.
"ކުރީގެ ކުޅުންތެރިޔާ ތޯރިގުގެ ތަޖުރިބާ އާއި މަގާމުގައި ކުރިއަށްދިއުމުގެ ގާބިލުކަން މިދިޔަ ޖުލައި މަހުގެ އިންތިހާބަށް ފަހު ވެސް ފެނިގެން އެބަދޭ. ހަތް އަހަރު ތެރޭ ފުރަަތަމަ ތަށި، ސައުތު އޭޝިއަން ސުޕަ ކަޕްގައި މިދިޔަ ހަފްތާގައި ހޯދުމާއި އަންހެން ފުޓްބޯޅަ އަލުން ކުރިއެރުވުމަށް މި އަހަރު ފަހުކޮޅު މުބާރާތެއް ރޭވިފައި އެ އޮތީ،" އިންފަންޓީނޯ ވިދާޅުވި އެވެ.
"މި ކަންކަމުން އެ ދޭހަވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އަހަރެމެން ދެބައި މީހުން އެދޭގޮތަށް ރަނގަޅަށް ކުރިއަށްދާކަން،"
މީގެ ކުރިން، 2016 ވަނަ އަހަރު ހަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސަކަށް ހުންނެވި، ތޯރިގު އަންނަނީ، މި ފަހަރު، އެ ޖަމިއްޔާ ހިންގުމަށް ލިބުނު ފުރުސަތުގައި، މާލީ ގޮތުންނާއި އިދާރީ ހިންގުމަށް ބަލާއިރު، އަޑިގަނޑެއްގައި އޮތް އެފްއޭއެމް އަލުން ކޮޅަށް ޖެހުމަށް މުހިންމު ބަދަލުތަކެއް ގެންނަވަމުންނެވެ.
އެފްއޭއެމްގެ އާ ލީޑަޝިޕްގެ މަސައްކަތަށް ފީފާ ރައީސްގެ ތައުރީފު އެފްއޭއެމްގެ އާ ލީޑަޝިޕްގެ މަސައްކަތަށް ފީފާ ރައީސްގެ ތައުރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ