އެންމެ ފުރަތަމަ ނަގަންވީ މި ވެރިކަން ރައްޔިތުން ބޭނުންތޯ ފެންނަނުފެންނަ ވޯޓެއް: ފައްޔާޒް
ޚިޔާލު ހޯދުމުގެ އިތުރު ވޯޓަކަށް ދާންވާނީ ރައްޔިތުން މި ވެރިކަން ދެމެހެއްޓުމާ މެދު ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ފަހު ކަމަށް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މެންބަރުންނާ މުޚާތަބުކުރައްވަމުން ފައްޔާޒް މިފަދައިން ވިދާޅުވީ، އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނަންގަވަން ބޭނުންފުޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. އެއާއެކު، ރައީސް ރޭ ތަސްދީގުކުރެއްވި ފެންނަ ނުފެންނަ ވޯޓުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ނަގަންވީ ރައްޔިތުން މި ވެރިކަން ބޭނުންތޯ ނުވަތަ ނޫންތޯ ފެންނަނުފެންނަ ވޯޓެއް ކަމަށާއި، އިތުރު ފެންނަނުފެންނަ ވޯޓެއް ނަގަން ވާނީ އޭގެ ފަހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ޚިލާފަށް އަމަލުކުރައްވައިފި، މިއީ ދިވެހި ރައްޔިތުން ދަންނާނެ ހަގީގަތެއް، އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރެފްރެންޑަމް ބިލު އުސޫލުތަކާ ޚިލާފަށް މަޖިލީހުން ފާސްކުރައްވައި ރައީސް މުއިއްޒު ގެޒެޓުކުރައްވައިގެން އެންމެ ފުރަތަމަ އަޅެ ކެރިވަޑައިގަންނަވަންޏާމުން ރެފްރެންޑަމެއް ނަގާށޭ، ވީ ވައުދުތަކާ ޚިލާފަށް އެއާ އިދިކޮޅަށް ތިމަންނާ މަސައްކަތްކުރީމާ ވެސް ރައްޔިތުން ތިމަންނާ ބޭނުންތޯ ނޫންތޯ. ... އެ ރެފްރެންޑަމް ނަގާފަ އިތުރު ރެފްރެންޑަމެއް ނަންގަވަން އުޅުއްވަންވާނީ،" ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، ރައީސް މިވަގުތު އެ ކުރައްވަނީ ހުދުމުޚުތާރު ވެރިކަމެއް ހޯދަން ހުވަފެންދެކޭ ކޮންމެ ވެރިއަކު ކުރާ ކަންކަން ކަމަށެވެ. ހަމަ އެއާއެކު މި ސަރުކާރުން ރާއްޖޭގެ މުޅި އިގްތިސޯދު ފުނޑާލައި، އާންމު ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ބައެއް ކޮންސްޓްރަކްޝަން ކުންފުނިތައް ވެސް ހުއްޓިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހަމައެކަނި ރާއްޖޭގެ އިގްތިސޯދުގައި ކިރިޔާ ވެސް ހިނގުމެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ކަމަށެވެ. ނަމަވެސް ގްރީން ޓެކުހާއި އެއާޕޯޓުން ފުރުމުގެ ކުރިން ނަގާ ފީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާއި ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާއެކީ މުޅި ރިސޯޓު ވިޔަފާރިއަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ބޭނުންވަނީ ފައްޔާޒް ވިދާޅުވި ގޮތުގައި، ރައްޔިތުން ގޮތް ހުސްވުމަށް މަގުފަހިކުރުމަށެވެ. އިތުރަށް ފައްޔާޒް ވިދާޅުވީ، އަލުން އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވާނެ ކަމަށާއި، އެ ޕާޓީން ވެރިކަމާ ހަވާލުވުމަށް ފަހު، މި ސަރުކާރުން ޤާނޫނުތަކަށް ގެނައި ބަދަލުތައް އަނބުރާ ގެންދަވާނެ ކަމަށެވެ. "މީޑިއާ ކޮންޓްރޯލް ބިލު ހަމަ ގައިމުވެސް އެއީ އެންމެ ފުރަތަމަ ދުވަހު އުވާލައްވާނެ ބިލެއް، ގާނުނެއް، ހަމަ އެއާ އެއްކޮށް އަދިވެސް ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލުކުރާނެ ކަންކަންކަން މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ،" "ގާނޫނުއަސާސީ އިރާލުމުގެ ތެރެއިން އެ ކުރައްވާފަ ހުރި މަސައްކަތްތައް އަޅުގަނޑުމެން އަނބުރާ އިއާދަކުރާނަން، އަދި އެއަށްވުރެ ފުރިހަމައަށް، އަލުން މިފަދަ މީހަކަށް އައިސް ގާނޫނުއަސާސީއާ ނުކުޅެވޭނެ މިންވަރަށް އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް މިހެން ވިދާޅުވިއިރު ފާހަގަކުރެވޭ ގޮތުގައި ރައީސް ވަނީ ފެންނަ ނުފެންނަ ވޯޓަށް އެހުމުގެ ތަފްސީލު ހިމެނޭ ބިލު ހޯމަ ދުވަހުގެ ރޭ ތަސްދީގުކުރައްވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި ރައީސް ވަނީ، ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން، ރައީސް އޮފީހުން ދޭތެރެއަކުން ގެންނަ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި މިއަދު ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ