ޝަހުމް މަރަން ކުރި ޙުކުމް ކަށަވަރު ކުރުމުގެ ޝަރީއަތްތައް ސުޕްރީމް ކޯޓުގައި ފަށައިފި

ތޫނު އެއްޗަކުން ހަމަލާ ދީ އައްޑޫ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހިމް ޝަހުމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ނިހާއީ ޙުކުމެއްގެ ގޮތުގައި ކަނޑައެޅުމުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
މި މައްސަލައިގައި ޝަހުމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 2022 ވަނަ އަހަރު އެވެ. މަރުގެ ހުކުމްތައް ކަށަވަރު ކުރުމަށް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރަން ޖެހޭނެ އެވެ.
މަރުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.
މި އަޑުއެހުމުގައި ދައުލަތުން ވަނީ ދަށު ކޯޯޓާއި ހައިކޯޓުގެ މަރުޙަލާ ދިޔަ ގޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޚުލާސާ ކޮށްދެއްވާފައެވެ.
 
މި މައްސަލައިގައި ދައުވާ އުފުލީ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2014 ވަނަ އަހަރު ކުރި ޙުކުމް އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައެވެ.
އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމީ މަރުމަތީގައި ބުނި ބަސް ނުވަތަ ”ޑައިންގ ޑިކްލަރޭޝަން“ އަށް ބިނާކޮށްގެންނެވެ. އެގޮތުން މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އަހުސަން މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ މަރާލާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ 2 މީހުންކަމަށް ބުނެފައިވާކަންވެސް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، ޙަމަލާ ދިން މަންޒަރު ފެނުނުކަމަށް ސިއްރު ހެކިވެރިއަކު ބުނެފައިވާއިރު، ޙާދިސާ ހިނގި ތަނުގައި ޝަހުމް ހުރިކަމަށް ބައެއް އިތުރު ސިއްރު ހެކިންވެސް ބުނެފައިވެއެވެ.
މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ޝިމާޒަށް އަސްލު ކުށްކުރި މީހާއަށް ދެވޭ އަދަބު ނުދެވޭނެ ކަމަށް ފަނޑިޔާރުން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުގެ މަތިން ޝިމާޒްގެ މައްޗަށް 15 އަހަރުގެ ޖަލު ޙުކުމެއް އިއްވިއިރު، ޝަހުމްގެ މައްޗަށް ވަނީ މަރުގެ އަދަބު އިއްވާފައެވެ.
މި އަޑުއެހުމުގައި ދައުލަތުން ވަނީ ޝަހުމްގެ މައްޗަށް ކުރި މަރުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ. އެއަށްފަހު ފަނޑިޔާރުން ކުރެއްވި ބައެއް ސުވާލުތަކަށްވެސް ދައުލަތުން ޖަވާބުދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ