މި އަހަރުގެ އެމީ އެވޯޑްސްއަށް ބޮލީވުޑްގެ ތިން ފަރާތެއް ނޮމިނޭޓް ވެއްޖެ

މި އަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑަށް ބޮލީވުޑްގެ ތިން ފިލްމީ ތަރިއެއް ނޮމިނޭޓް ވެއްޖެއެވެ. މި އަހަރުގެ ނޮވެމްބަރ 20ގައި އެމެރިކާގެ ނިއުޔޯކްގައި ބާއްވާ 51ވަނަ އެމީ އެވޯޑް ޙަފްލާއަށް ނޮމިނޭޓްވެފަ ވަނީ ޝެފާލީ ޝާހު، ޖިމް ސާބް އަދި ވީރު ދާސްއެވެ. ބަތަލާ ޝެފާލީ ޝާހު ވެބް ސީރީސް "ދެއްލީ ކްރައިމް"އިން ނޮމިނޭޓް ވިއިރު ޖިމް ސާބް ނޮމިނޭޓް ވެފައިވަނީ "ރޮކެޓް ބޯއިސް" އިންނެވެ. އަދި ވީރު ދާސް ނޮމިނޭޓްވީ "ލޭންޑިންގް"އިންނެވެ. ބަތަލާ ޝެފާލީ ޝާހް ނޮމިނޭޓް ވެފައިވަނީ، އެކްޓަރުންގެ ކެޓަގަރީ ރޯލްގެ އެންމެ މޮޅު ހުށަހެޅުމެއް ދެއްކި ބަތަލާގެ ރޯލަށެވެ. ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ "ދެއްލީ ސީރީސް" ގެ ދެވަނަ ސީޒަން އިން ބަތަލާ ޝެފާލީ ޝާހް ނޮމިނޭޓް ވިއިރު 2019ވަނަ އަހަރު ރިލީޒްވި ފުރަތަމަ ސީޒަންއަށް ވަނީ 2020ވަނަ އަހަރުގެ އެންމެ މޮޅު ޑްރާމާ ސީރީސްގެ އެވޯޑް ލިބިފައެވެ. ގިނަ ވެބް ސީރީސް ތަކުންނާ ފިލްމުތަކުން ވެސް ފެންނަ އެކްޓަރު ޖިމް ސާބް ނޮމިނޭޓްވެފައި ވަނީ އެކްޓަރުންގެ ކެޓަގަރީ އިން އެންމެ މޮޅު ހުށަހެޅުމެއް ދެއްކި އެކްޓަރުގެ ކެޓަގަރީއަށެވެ. ޖިމް ސާބް މުހިއްމު ރޯލް ކުޅެފައިވާ ސޮނީލައިވް ވެބް ސީރީސް "ރޮކެޓް ބޯއިސް"އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ސީރީސްއެކެވެ. ހެއްވާ މަޖާ ރޯލްތަކުން ފެންނަ ވީރު ދާސް ނޮމިނޭޓް ވެފައިވަނީ ނެޓްފްލިކްސް އިން ގެނެސްދިން ހެއްވާ މަޖާ ޝޯވް "ލޭންޑިންގް"އިން އެންމެ މޮޅު ކޮމެޑީ ކެޓަގަރީއިންނެވެ. މި އަހަރުގެ އެމީ އެވޯޑްސް ހަފްލާގައި އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީއަށް ހާއްސަކޮށް ދެވޭ އެވޯޑެއް ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ދޭން ވަނީ ނިންމާފައެވެ. މި އެވޯޑަކީ އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީއަށް އިތުރު ކުރިއެރުން ގެނެސްދީ އެ އިންޑަސްޓްރީ ފުޅާކުރުމުގެ ގޮތުން ގިނަ އުފެއްދުންތަކެއް ޑައިރެކްޓްކޮށްފައި ވާތީ އެކްތާއަށް ދެވޭ އެވޯޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ