މުޒާހަރާއިން 28 މީހަކު ހައްޔަރުކޮށްފިން: ފުލުހުން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އަދި ބައެއް އާންމުންވެސް ހައްޔަރުކޮށްފައެވެ. އަދި މި ދުވަސްވަރު އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށާ އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދެންމެ ބުނީ މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޕީއެންސީގެ ނާއިބު ރައީސް ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލުވެސް ހައްޔަރުކޮށްފައިވެއެވެ. ނިމާލް އަކީ އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ޗެއާއެވެ. މީގެ އިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުވެސް ހައްޔަރުކޮށްފައިވެއެވެ.
މުޒާހަރާ ފެށުމުގެ ކުރިން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުުކުރީ މަޖީދީމަގުންނެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ