ތަރައްގީއޭ ކިޔާފައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވާ ކޮންމެ ބަހަކުން ސިފަވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓީމުން ޖީބަށް އެޅިހާ ފައިސާ ކަމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރާއްޖޭގެ ފައިނޭންޝަލް ހާލަތާއި ކުންފުނިތައް އޮތް ހާލަތާއި ރައްޔިތުން ދަރަނިކޮށްލާފައި އޮތް މިންވަރު ވެސް މިހާރު މަޑުމަޑުން އެނގިގެންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ރައީސް ޔާމީންގެ ތަރައްގީއޭ ކިޔާފައި ރައީސް ޔާމީން ވިދާޅުވާ ކޮންމެ ބަހެއްގެ ތެރެއިން އަޅުގަނޑުމެންނަށް ސިފަވެގެން މިދަނީ ރައީސް ޔާމީނާއި އެމަނިކުފާނާ އެކުގައި އެއޮތް ޓީމު ޖީބަށް އެޅިހާ ފައިސާ. ރައްޔިތުން ދަރަނިކޮށްލާފައި އޮތް މިންވަރު. އަޅުގަނޑުމެންނަށް މިހާރު މަޑުމަޑުން އެނގެމުންމިދަނީ ރާއްޖޭގެ ފައިނޭންޝަލް ހާލަތު. ކޮންމެ ކުންފުންޏެއް ބަލައިލިޔަސް މި ހުންނަނީ ދަވާލާފައި،" އޭނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ފެނިގެންމިދަނީ ކުޑަކުއްޖެއްގެ އަތުގައި އޮތް މެޓައެއް އަތުލީމަ ބޮޑާހާކާ ބީދައިން ރައީސް ޔާމީން އުޅުއްވާ ތަން ކަމަށާއި ރައްޔިތުން އެ ނިންމި ނިންމުމަށް އިހުތިރާމްނުކުރެވޭ ވެރިއެއް ކަމަށްވަންޏާ، ފަރަތަމަ ވެސް ރައީސް ޔާމީން އެ ހުންނެވީ ފެއިލްވެވަޑައިގެންފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް 2018ގައި ފެނިގެންދިޔަ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުތައް. އެ ދުވަހު އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ ޕްރޮފެޝަނަލްކޮށް، ރީތިކޮށް ވެރިޔަކު ދުރަށް ޖެހިވަޑައިގެންނެވި މަންޒަރު. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ކުޑަކުއްޖެއްގެ އަތުގައި އޮތް މެޓައެއް އަތުލީމަ ބޮޑާހާކާ ސިފައިން، ބޮޑާހާކާ ބީދައިން ރައީސް ޔާމީން އުޅުއްވާ ތަން،" އޭނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެންދަނީ ދެ ދޮރު ދޭތެރޭ މުޒާހަރާއަށް ބޯ ދިއްކޮށްލައިގެން ހުރެގެން ވެސް ޝަކުވާތައް ބަންޑުންކުރާތަން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއް ދުވަހު އަރާފަ އެ ވާހަކަ ދައްކާފަ، އަނެއް ދުވަހު އަރާފަ އެ ވާހަކަ ދައްކާފަ ޝަކުވާ ކުރައްވަނީ. އެމަނިކުފާނަށް ވެރިކަން ނުދިނީމަ ރުޅިއައިސްގެން އުޅުމާއި، އެމަނިކުފާނަށް ވެރިކަން ދޭން ޖެހޭނެކަމަށް އެމަނިކުފާނު އަމިއްލައަށް ގަބޫލުކުރެވޭ ކަމަށް ރައްޔިތުންނަށް އަންގައިދޭން މަސައްކަތް ކުރުމާއި ދެ ދޮރު ދޭތެރޭ މުޒާހަރާއަށް ބޯދިއްކޮށްލައިގެން ހުރެގެން ވެސް އެ ޝަކުވާތައް ބަންޑުންކުރާތަން އަޅުގަނޑުމެންނަށް ފެނިގެންމިދަނީ،" އޭނާ ވިދާޅުވިއެވެ.
ތަރައްގީއޭ ކިޔާފައި ރައީސް ޔާމީން ވިދާޅުވާ ކޮންމެ ބަހަކުން ސިފަވަނީ ޖީބަށް އެޅިހާ ފައިސާ: ރޮޒެއިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ