މަރުގެ ހުކުމަށް ގޮންޖައްސަވައި، މި އަހަރު ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ހަސީނާ ވިދާޅުވެއްޖެ

މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ، އެކަމަނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި، މި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ޣައިރު ހާޒިރުގައި އިއްވި އެ ހުކުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ސިޔާސީ މަގްސަދެއްގައި ނެރެފައިވާ ހުކުމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފަ އެވެ.
ދަރިވަރުން އިސްވެ ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ވެރިކަން ވެއްޓުމާއެކު އިންޑިއާއަށް ވަޑައިގެން އުޅުއްވާ އުމުރުން 78 އަހަރުގެ ހަސީނާ، އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުރިމަތިވެދާނެ ނުރައްކަލަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 
މަރުގެ ހުކުމް އިއްވާފައި ވަނިކޮށް އެނބުރި ވަޑައިގަންނަވާނެތޯ ސުވާލު ކުރުމުން ހަސީނާ ވިދާޅުވީ، "އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުންވަނީ، ކޮންމެ ހުރަހަކާއި ކޮންމެ ރޭވުމެއް ފަހަނައަޅައި، މިއަހަރުގެ ތެރޭގައި އަޅުގަނޑު އެނބުރި ގައުމަށް ދާނަން،" ކަމަށެވެ. 
ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޑާކާގެ ކޯޓަކުން ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ، 2024 ވަނަ އަހަރުގެ ހަމަނުޖެހުންތަކުގެ ތެރޭގައި މީހުން މެރުމަށް ހިތްވަރުދީ، އަމުރުކޮށް، އަދި ހިންގި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އެ ހުކުމް ބަލައިގަތުމަށް އިންކާރު ކުރައްވަމުން ހަސީނާ ތުހުމަތު ކުރެއްވި ގޮތުގައި، ބަންގްލަދޭޝްގެ ޝަރުއީ ނިޒާމު ބޭނުންކުރަމުންދަނީ އެކަމަނާގެ އަވާމީ ލީގު ޕާޓީގެ ލީޑަޝިޕް ނައްތާލުމަށް ހިންގާ "ސިޔާސީ ބަދަލުހިފުމުގެ ހަތިޔާރެއްގެ" ގޮތުގަ އެވެ.
ހަސީނާ ވިދާޅުވި ގޮތުގައި އެނބުރި ވަޑައިގަތުމުގެ މަގްސަދަކީ އަމިއްލަ އެދުމެއް އޮވެގެން ކުރައްވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ސިޔާސީ ހައްގުތަކާއި، ޑިމޮކްރަސީ އާއި، ގާނޫނީ އިސްތިގުލާލުގެ އިތުރުން 1971 ވަނަ އަހަރުގެ މިނިވަންކަމުގެ ހަނގުރާމައިގެ ރޫހު އަލުން އިއާދަކުރުމަށް ކުރައްވާ މަތިވެރި މަސައްކަތެކެވެ.
އަވާމީ ލީގުގެ ދިފާއުގައި ވާހަކަދައްކަވަމުން ހަސީނާ ވިދާޅުވީ، އެ ޕާޓީގެ ހަރަކާތްތައް މަނާކޮށްފައި އޮތް ނަމަވެސް، އެއީ ބަންގްލަދޭޝްގައި ވަރަށް ބޮޑަށް މޫލާފައިވާ ޕާޓީއެއް ކަމަށެވެ. އެ ޕާޓީގެ ހަރަކާތްތައް ފުރަތަމަ މަނާކުރީ ވަގުތީ ސަރުކާރުން ކަމަށްވީ ނަމަވެސް، ފެބްރުއަރީ މަހުގެ އިންތިހާބަށް ފަހު ވެރިކަމާ ހަވާލުވި ބޮޑުވަޒީރު ތާރިގު ރަހްމާންގެ ސަރުކާރުން ވެސް އެ ނިންމުން ވަނީ ދަމަހައްޓާފަ އެވެ.
ސަރުކާރުން ބުނަމުންދަނީ، މިއީ ހަސީނާގެ ސަރުކާރުގެ ފަހު ދުވަސްތަކުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކަށް ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ