މީހެއްގެ އިނގިލި ބުރިކޮށްލިކަން ސާބިތުވެ ތިން މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް

މީހެއްގެ އިނގިލި ބުރިކޮށްލިކަން ސާބިތުވެ އެ މައްސަލައިގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. 
މިއީ ޖޫން 23، 2024 ގައި މއ. ބަގުފަޑިއްގެ ގޭގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި ނ. ހޮޅުދޫ، މިންވަރު، އަބްދުﷲ ރަޖީހުގެ ވައަތު ކުޑަވައި އިނގިލި ބުރިކޮށްލާފައިވާތީ ދައުލަތުން ފަސް މީހެއްގެ މައްޗަށް އުފުލި ދައުވާތަކެކެވެ. 
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ހިމެނެނީ ގދ. ގައްދޫ، ހުދުވެލި، އަހްމަދު ސާއިފް ވަހީދު އާއި، ލ. ގަން-ތުނޑި، ލިންކް، އަހްމަދު ޒަޔާން އާއި، ތ. ތިމަރަފުށީ، އުތުރުުގެއާގެ، މުހައްމަދު ނައުޝާން ހުސައިން އާއި، ރ. ކަނދޮޅުދޫ، މެހުރާ، އަލީ ސާމީ އާއި، ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހު އެވެ.
ރަޖީހުގެ އިނގިލި ބުރިކޮށްލިކަން ސާބިތުވީ ސާއިފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ތަންފީޒުކުރަން ޖެހެނީ 12 އަހަރާއި 11 މަހާއި 24 ދުވަހެވެ. 
ނައުޝާން އާއި ސާމީގެ މައްޗަށް ސާބިތުވީ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގައި ބުނާ ގޮތުގައި އިނގިލި ބުރިކޮށްލަން އެންގީ ސާމި އެވެ. އަދި އެ ވަގުތު ރަޖީހުގެ އިނގިލިތަކުގައި ހިފަހައްޓައިގެން ހުރީ ނައުޝާން އެވެ. އެ ދެ މީހުންގެ މައްޗަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެ މީހުން ތަންފީޒުކުރަން ޖެހެނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހެވެ. 
ދައުވާގައި ބުނެފައިވާ ގޮތުގައި އިނގިލި ބުރިކޮށްލަން ބޭނުންކުރި ވަޅި ހޫނުކޮށްގެން ގެނެސްދިނީ ނަފާހު އެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެ އެވެ. އެއީ ކުށް ކުރުމުގެ ނިޔަތުގައި ކުރި އަމަލެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ. 
އިނގިލި ބުރިކޮށްލިފަހުން އެ ތަނަށް ޒަޔާން އައިސް ރަޖީހުއަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އޭނާގެ މައްޗަށް އިއްވީ ތިން މަސްދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލަ ބަލައި ހުކުމް އިއްވީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ