އެމްއެޗް370 ހޯދުމުގެ އޮޕަރޭޝަން އިތުރު އެއް އަހަރަށް ދިގުދަންމާލައިފި

ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ އެމްއެޗް370 ފްލައިޓް ހޯދުމަށް ކަނޑުގެ އަޑި ބަލާ ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު، އިތުރު އެއް އަހަރަށް އިތުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހޯމަ ދުވަހު ބުނެފި އެވެ.
ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިންއަށް ދަތުރުކުރި ބޮއިންގް 777 މަރުކާގެ މި ބޯޓު 2014 ވަނަ އަހަރު ގެއްލުނުއިރު، އޭގައި 227 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ. މިއީ ދުނިޔޭގެ އޭވިއޭޝަން ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެ ހައިރާންކުރުވަނިވި ހާދިސާ އެވެ. އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދުގައި މި ބޯޓު ހޯދުމަށް މީގެ ކުރިން ކުރިއަށް ގެންދިޔަ ގިނަ އޮޕަރޭޝަންތަކުން އެއްވެސް ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.
އޯޝަން އިންފިނިޓީން މީގެ ކުރިން 2018 ވަނަ އަހަރާ ހަމައަށް އެ ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ކުންފުންޏާއެކު މެލޭޝިއާ ސަރުކާރުން މިދިޔަ އަހަރު އަލުން އެއްބަސްވުމެއްގައި ސޮއިކުރީ 15،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބެލުމަށެވެ. މި އެއްބަސްވުމުގެ ދަށުން، ބޯޓުގެ ބައިތައް ފެނިއްޖެ ނަމަ އެ ކުންފުންޏަށް 70 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އެންތަނީ ލޯކް ވިދާޅުވީ، މި ނިންމުމަކީ އެމްއެޗް370 އިން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކަށް ޖަވާބެއް ހޯދައިދިނުމަށް މެލޭޝިއާ ސަރުކާރުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތާއި އެކަމަށް ދީފައިވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
މި އެއްބަސްވުމުގެ މުއްދަތު އިތުރުކުރީ، ބޯޓު ހޯދުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން ބާކީ އޮތް 7،428.54 އަކަ ކިލޯމީޓަރުގެ ސަރަހައްދު ބަލައި ނިންމުމަށް އޯޝަން އިންފިނިޓީއަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، އޯޝަން އިންފިނިޓީން އެހެން ފަރާތްތަކާއެކު ވެފައިވާ ވިޔަފާރި އެއްބަސްވުންތަކުގެ ސަބަބުން، 2026 ނޮވެމްބަރުން ފެށިގެން 2027 އޭޕްރީލް މަހާ ދެމެދު، ބޯޓު ހޯދުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތައް ވަގުތީ ގޮތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭތީ، އެކަމަށް ވެސް މި މުއްދަތު އިތުރުކުރުމުގައި ރިއާޔަތްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ